ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ތަރިއަކަށް އެެމެރިކާގެ އެކްޓްރެސް ޒޯއީ ސެލްޑޭނާ ވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، ޒޯއީއަށް މި ކާމިޔާބީ ލިބުނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އޭނާގެ އާ ފިލްމު "އެވެޓާ: ފަޔާ އެންޑް އޭޝް"އަށް ލިބޭ ތަރުހީބު ބޮޑުވުމުންނެވެ. 

މިދިޔަ މަހު އެކެއްގައި ރިލީޒްކުރި "އެވެޓާ: ފަޔާ އެންޑް އޭޝް"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ 1.23 ބިލިއަން ޑޮލަރު ލިބިފަ އެވެ. އެއާ އެކު، ޒޯއީ ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ އަގުބޮޑު ތަރީގެ މަގާމު ހޯދައިފަ އެވެ. އޭނާގެ ކުރިން އެ މަގާމު ދެމެހެއްޓީ އެމެރިކާގެ އެކްޓްރެސް ސްކާލެޓް ޖޯހަންސަން އެވެ. 

ބޮކްސް އޮފީސްގެ ޓްރެކިން ސައިޓް "ދަ ނަންބާސް"ގެ ރިޕޯޓެއްގައި ބުނީ "އެވެޓާ: ފަޔާ އެންޑް އޭޝް"އަށް މިހާތަނަށް ލިބުނު އާމްދަނީއާ އެކު، ޒޯއީ މިހާތަނަށް ލީޑް ރޯލު ކުޅުނު 33 ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ 15.5 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

އެ ލިސްޓުގެ ފަހަތަށް ޖެހުނު ސްކާލެޓް ލީޑް ރޯލު ކުޅުނު 36 ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު އުޅެނީ 15.4 ބިލިއަން ޑޮލަރުގަ އެވެ. 

ޒޯއީއަށް ބޮކްސް އޮފީހުގައި އެހާ ބޮޑު ކާމިޔާބީއެއް ލިބުމުގެ ފަހަތުގައި އޮތީ އޭނާގެ ކުޅުނު "އެވެޓާ"ގެ ތިން ފިލްމަށް ވެސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމާއި އޭނާ ކުޅުނު މާވެލް ސިނެމަޓިކް ޔުނިވާސްގެ ފިލްމުތަކަށް ވެސް އެވަރުގެ ބޮޑު އާމްދަނީއެއް ލިބިފައިވުމެވެ. "އެވެޓާ"ގެ ތިން ފިލްމަށް އެކަނި މިހާތަނަށް ލިބުނު އާމްދަނީ 6.35 ބިލިއަން ޑޮލަރަށް އަރަ އެވެ. 

ޒޯއީ އާއި ސްކާލެޓަށް ފަހު ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ތަރިއަކީ އެމެރިކާގެ އެކްޓަރު ސެމިއުލް އެލް ޖެކްސަން އެވެ.

ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގެ ގަދަ 10 ގައި ޒޯއީ އާއި ސްކާލެޓް އަދި ޖެކްސަނަށް ފަހުގައި ދެން ހިމެނެނީ ރޮބާޓް ޑައުނީ ޖޫނިއާ، ކްރިސް ޕްރެޓް، ޓޮމް ކްރޫޒް، ކްރިސް ހެމްސްވޯތު، ވިން ޑީސެލް، ކްރިސް އެވަންސް އަދި ޑުވޭން ޖޯންސަން އެވެ.