"ދަ ޕޯސްޓް" އިއުލާން ކުރުމާ އެކު، އެ ފިލްމަށް ކުރެވޭ އިންތިޒާރުތައް ފެށުނީ އެވެ. ފިލްމް ރިލީޒް ކުރާނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު މިއީ ކޮންމެހެން ވެސް ބަލާލަންޖެހޭ ކަހަލަ ފިލްމެކެވެ.
ސަބަބުތައް އެބަހުއްޓެވެ. ""ދަ ޕޯސްޓް" ގެ ޑައިރެކްޓަރަކީ މޮޅެތި އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީ، އޮސްކާ ވެސް ހާސިލްކޮށްފައިވާ ސްޓީވެން ސްޕީލްބާގެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ވެސް އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިނެމޭ އޭ ލިސްޓް ދެ ތަރިންނެވެ. އެއީ ޓޮމް ހޭންކްސް އާއި މެރީލް ސްޓްރީޕެވެ.
"ދަ ޕޯސްޓް" އަކީ ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުން އޮތް މިންވަރުގެ މައްޗަށް ވަރުގަދަ ދިރާސާއެއްކޮށް، ވޮޝިންޓަން ޕޯސްޓްގައި ދެ އެޑިޓަރަކު ހަގީގަތް ހާމަކޮށް ދޭން ކުރި މަސައްކަތް ދައްކުވައި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ފިލްމުގައި ހޭންކްސްގެ ރޯލަކީ އެޑިޓަރު ބެން ބްރެޑްލީގެ ރޯލެވެ. ސްޓްރީޕް ކުޅޭނީ ކޭ ގްރަހަމްގެ ރޯލެވެ.
ސްޕީލްބާގްގެ ޕްރޮޑަކްޝަން ހައުސް އެމްބްލިން އެންޓަޓައިންމަންޓާއި ފޮކްސް ގުޅިގެން ޕްރޮޑިއުސް ކުރާ "ދަ ޕޯސްޓް" ގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، މީގެ ސްކްރީންޕްލޭ ލިޔަނީ ލިޒް ހަނާ އެވެ.
ވަރުގަދަ ތިން ނަމަކާ އެކު "ޕޯސްޓް" ބެލުންތެރިންނާ ހަމައަށް އަންނަ އިރު، މިއީ އަނެއްކާ ވެސް އޮސްކާ ބާރު ބޮޑު ކުރާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
ހޭންކްސް ވަނީ މީގެ ކުރިން ވެސް ސްޕީލްބާގާ އެކު މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ކެޗް މީ އިފް ޔޫ ކޭން (2002)، ދަ ޓާމިނަލް (2004) އަދި ބްރިޖެސް އޮފް ސްޕައިސް (2016) ފާހަގަކޮށްލެވެ އެވެ
ސްޕީލްބާގާ އެކު ސްޓްރީޕް ކުރިން މަސައްކަތްކޮށްފައި ވަނީ އޭ.އައި: އާޓިފޝަލް އިންޓަލިޖަންސް (2001) ގަ އެވެ.
ހޭންކްސް، 60، އާއި ސްޓްރީޕް، 67، މީގެ ކުރިން ފިލްމެއްގައި އެކުގައި ސްކްރީން ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު ހޭންކްސް ޕްރޮޑިއުސް ކުރި ދެ ފިލްމެއް ސްޓްރީޕް ކުޅެފައިވެ އެވެ.
އެއީ މާމާ މިއާ (2008) އާއި ދި އެންޓް ބްލީ (2006) އެވެ.
އެހެން ނަމަވެސް މޮޅު،، ވަރުގަދަ ދެ އެކްޓަރުން މި ފަހަރު އެކުގައި ފެނިގެން ދާނެތީ "ދަ ޕޯސްޓް" ގެ ހާއްސަކަން ވަކިން ބޮޑެވެ.