ދިވެހިން ބޭރުގެ ލަވަތަކާއި ފިލްމުތައް ކޮޕީ ކުރާ ވާހަކަ އަބަދުވެސް ދެކެވެ އެވެ. ކޮޕީކުރާ މީހުންނަށް ފާޑު ކިޔައި، މަލާމާތްކޮށް، ގިނަ މީހުން ވަރަށް ޖޯކު ވެސް ޖަހަ އެވެ.

މައްސަލައަކީ ކޮޕީކޮށްފައި، އެކަން ހާމަ އަށް ފެންނަން އޮންނަ އިރު ވެސް ބައެއް މީހުން އެކަމާ އެއްބަސް ނުވެ، ޗެލެންޖްކުރާތީ އެވެ.

މި ފަހަރު މިއޮތީ ހިންދީ ލަވައެއްގެ އަރަބި ކޮޕީއެކެވެ. މި ލަވައަކީ ދާދި ފަހުން ރިލީޒްވި ޝާހްރުކް ހާންގެ ފިލްމް "ރައީސް" އިން ވަރަށް މަޝްހޫރުވެގެން ދިޔަ ލަވަ "ޒާލިމާ" އެވެ.

ޝާހްރުކާ އެކު ޕާކިސްތާންގެ ބަތަލާ މާހިރާ ހާންގެ ފަރި ހަރަކާތްތައް ފެނިގެންދާ "ޒާލިމާ" އަކީ އަރިޖިތު ސިންގާއި ހަޝްދީޕް ކޯރް ކިޔާފައިވާ ލަވައެކެވެ.

މި ލަވަ ވައިގައި ހިފިލެއް ބޮޑުކަމުން މީގެ އަރަބިކް ވާޝަން ވެސް މިހާރު މިއޮތީ ދައްކާލައިފަ އެވެ.

ލަވަ އަރަބި ބަހުން އޮތަސް، ލަވައިގެ ރާގު ހަމަ އެކައްޗެކެވެ. ކިޔުމަށް ވެސް ތަފާތެއް ގެނެސްފައެއް ނެތެވެ. ހަމަ އެއް ބަނޑިތަކެކެވެ. ތަފާތީ ލަވައިގެ ޅެމާއި ކިޔައިފައިވާ މީހުންނެވެ. އެހެންވެ މިއީ ގައިމު ވެސް "ޒާލިމާ" ގެ ކޮޕީއެކެވެ. ލަވަ ހަދާފައި މިއޮތީ ވެސް ހަމަ "ޒާލިމާ" ކޮޕީ ކުރާށެވެ.

"ޒާލިމާ" ގެ އަރަބި ލަވަ ކިޔާފައި މި ވަނީ މޮރޮކޯގެ ދެ ލަވަ ކިޔުންތެރިން ކަމަށްވާ އަބްދުލްފައްތާހު ގިރިނީ އާއި ޖަމީލާ އެވެ. ލަވައިގެ ވީޑިއޯ ހަދާފައި ވަނީ "ޒާލިމާ" ލަވައިގެ މަންޒަރުތަކާއި ދެ ލަވަ ކިޔުންތެރިންގެ މަންޒަރުތައް ވެސް ހިމަނައިގެންނެވެ.

މި ލަވަ ޝާހްރުކް ވަނީ އޭނާގެ ފިލްމް ކުންފުނި ރެޑް ޗިލީޒް އެެންޓަޓައިންމަންޓްގެ ސޯޝަލް މިޑިއާ ޕްލެޓްފޯމްތަކުގައި ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ. ލަވައަށް މިހާތަނަށް އަށް މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

ވަރަށް ގިނަ މީހުން "ޒާލިމާ" ގެ އަރަބި ލަވަ ކަމުގޮސްގެން ކޮމެންޓް ވެސް ކޮށްފައިވެ އެވެ.

ގިރިނީއަކީ ހިންދީ މަޝްހޫރު ލަވަތައް އަރަބިން ކިޔަން އާ ލަވަ ކިޔުންތެރިއެއް ވެސް ނޫނެވެ. މިދިޔަ އަހަރު ނިކުތް ޝާހްރުކްގެ ފިލްމް "ފޭން" ގެ ލަވަ "ޖަބްރަ ފޭން" އަރަބި ވާޝަން ވެސް ކިޔާފައި ވަނީ ގިރިނީ އެވެ.