މަރާމާތަށް ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު، އޮލިމްޕަސް ސިނަމާގައި އަޅުވާ ފުރަތަމަ ފިލްމަކަށް ޑާކްރެއިން އެންޓަޓެއިންމެންޓް (ޑްރޭ) ގެ، "ބީވީމާ" ހަމަޖައްސައި، އެ ފިލްމުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ސްކްރީން ރައިޓަރު އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ޓިކެޓު މިހާރު ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އޮލިމްޕަސް ސިނަމާއިން ވިއްކަ އެވެ.

ޓިކެޓެއްގެ އަގު 100ރ. އަށް އުޅޭއިރު، ޕްރިމިއާ ނައިޓްގެ ޓިކެޓް އަގު އުޅެނީ 150 ރުފިޔާ އަށެވެ. އެއީ 2013 ވަނަ އަހަރުން ފެށިގެން ވެސް ފިލްމުތަކުގެ ޓިކެޓް އުޅޭ އަގު ކަމަށާއި، ތަކެތީގެ އަގު ބޮޑުވި ނަމަވެސް، ދިވެހި ފިލްމަށް ލޯބި ކުރާ މީހުންނަށް ފަސޭހައަކަށް، ފިލްމުގެ ޓިކެޓު އަގު ބޮޑު ނުކުރާނެ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

"ބީވީމާ" ފިލްމުގެ ސްނެޕް ޝޮޓެއް: ލީޑްރޯލުން ފެންނާނީ ކޮޕީ އިއްސެ އަދި އަޝްފާ
"ބީވީމާ" ފިލްމުގެ ސްނެޕް ޝޮޓެއް: ލީޑްރޯލުން ފެންނާނީ ކޮޕީ އިއްސެ އަދި އަޝްފާ

ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) އަދި އަލަށް ދިވެހި ސިނަމާ އަށް ތައާރަފްވާ އާދަމް ޒިދާން (ނާނަ) ލީޑު ރޯލުތަކުން ފެނިގެންދާ "ބީވީމާ" ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މޮގާ އަދި އައިޝަތު ފުއާދު (ލޯކީ) އެވެ.

އިބްރާހިމް ވިސާން (ކަނޑި) ގެ ސިނަމެޓޯގްރާފީ ފެނިގެންދާ އެ ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައި ވަނީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.

"ބީވީމާ" ފިލްމުގެ ސްނެޕް ޝޮޓެއް: ފިލްމުގެ ލީޑުން ފެންނަ އާޝާ އަދި ނާނަ
"ބީވީމާ" ފިލްމުގެ ސްނެޕް ޝޮޓެއް: ފިލްމުގެ ލީޑުން ފެންނަ އާޝާ އަދި ނާނަ

މި ފިލްމަކީ ދެކުނު އިންޑިއާގެ ފިލްމު "96" އިން އިންސްޕަޔާ ވެގެން އުފެއްދި ފިލްމެއް ކަމަށާއި، އެއީ ގިނަ ބަޔަކު ބަލާ ހިތްވާނެ ފަދަ ފިލްމެއް ކަމަށް ޑާކްރެއިން އިން ބުންޏެވެ.

"ބީވީމާ" ފިލްުމު އަޅުވަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.

މަރާމާތަށް ދިވެހި ސިނަމާ ބަންދުކުރުމުން ވޭތުވެދިޔަ ދެ އަހަރު ދުވަހު ދިވެހި ފިލްމު އިންޑަސްޓްރީ އަށް ގިނަ ގެއްލުންތަކަކާއި ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެކި ޕްރޮޑަކްޝަން ހައުސްތަކުގެ ގިނަ ފިލްމުތަކެއް ރިލީޒް ނުކުރެވި ވަނީ އެތައް ދުވަހަކަށް ދިގުދެމިގެން ގޮސްފަ އެވެ.