ނެޓްފްލިކްސްގެ "ދަ ކްރައުން" އިން އިނގިރޭސި ވިލާތުގެ ރަސްގެފާނުގެ ނަޒަރުން ޕްރިންސަސް ޑަޔާނާގެ ވާހަކަ ކިޔައިދޭނެ ކަމަށް އޭގައި ރަސްގެފާނުގެ ރޯލު ކުޅޭ ޑޮމިނިކް ވެސްޓް ބުނެފި އެވެ.
ކިންގް ޗާލްސްގެ ރޯލު ކުޅޭ ޑޮމިނިކް ވެސްޓް ބުނީ އެ ސީރީޒުން ދައްކާ ހަގީގަތާ ހިލާފު މަންޒަރުތަކާ ހެދި ބެލުންތެރިން ދެކެމުން އައި ގޮތް މި ސީޒަނުން ބަދަލުވާނެ ކަމަށެވެ.
މި ސީރީޒް ޕްރިމިއާކުރުމަށް ލަންޑަނުގައި ބޭއްވި އިވެންޓުގެ ކުރިން، ވެސްޓް ބުނީ އެންމެ ފަހު އެޕިސޯޑުން ބެލުންތެރިންގެ ކުށް ހީ މުޅިން ފިލާނެ ކަމަށެވެ.
ނަމަވެސް އޭނާ ބުނީ މި ޝޯ ދައްކަމުން އަންނައިރި ބައެއް ސެންސިޓިވް ކަންކަމާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ މި ސީޒަނުގައި ވަރީގެ ބައި އޮތުމުން ބައެއް މީހުންނަށް ގަބޫލު ނުކުރެވުން އެކަށީގެންވާ ކަމަށެވެ.
"ވަރިއެއްގައި ނަމަ ދެ ފަރާތުގެ ވާހަކަ އޮންނާނެ. އަހަންނަށް ހީވަނީ ބެލުންތެރިންނަށް އެއް ފަރާތުގެ ވާހަކަ އަޑުއިވިފައި ހުރިހެން،" ވެސްޓު ބުންޏެވެ.
މި ސީރީޒްގައި 1995 ވަނަ އަހަރު ޑަޔާނާގެ ޓީވީ އިންޓަވިއު އާއި، އިމޯޝަނަލް ވާހަކަތަކާއި، ވަރީގެ ވާހަކަތަކުގެ އިތުރުން ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވި ވާހަކަ އަދި ޗާލްސްގެ ކަންބޮޑުވުންތަކުގެ ވާހަކަތައް ފެންނާނެ އެވެ.
ކުރިއަށް އޮތް ސީޒަންގައި ފެންނާނީ 1997 ވަނަ އަހަރު ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓުގައި ޑަޔާނާ އަވަހާރަވި މައްސަލަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް މި ސީރީޒްގައި ހުރުމުގެ ސަބަބުން ނެޓްފްލިކްސް އަށް ވަނީ އެމީހުންގެ އިތުރުން ސްކްރީން ރައިޓަރު ޕީޓާ މޯގަން ވެސް ދިފާއުކުރަން ޖެހިފަ އެވެ.