ބޮލީވުޑްގެ މަޝްހޫރު އެކްޓެރްސް ޝްރައްދާ ކަޕޫރްގެ ކޮއްކޮ، ސިދާންތު ޑްރަގާ އެކު ޕާޓީ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސިދާންތު ހައްޔަރުކުރީ ބެންގަލޫރުގެ ހޮޓަލެއްގައި ޕާޓީ ކުރަނިކޮށެވެ. ފުލުހުން އެތަން ބަލައި ފާސްކުރުމުގެ ތެރެއިން ޑްރަގަށް ޓެސްޓްކުރި މީހުންގެ ތެރޭގައި ސިދާންތު ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ޝާމިލުވާ އެންމެން ވެސް ހައްޔަރުކޮށްފައިވާ ކަމަަށާއި އޭގެ ތެރޭގައި ސިދާންތު ވެސް ހިމެނޭ ކަމަށެވެ. އަދި ސިދާންތު ޕާޓީކުރީ ޑްރަގާ އެކު ކަމަށާއި އޭނާގެ ލޭގެ ޓެސްޓް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ މައްސަލައާ ގުޅިގެން ސިދާންތާ އެކު އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ޝަކްތީ އާއި އޭނާގެ އަންހެނުން އެމީހުންގެ ދެ ކުދިންނާ އެކު.
ޝަކްތީ އާއި އޭނާގެ އަންހެނުން އެމީހުންގެ ދެ ކުދިންނާ އެކު.

ޝްރައްދާ އާއި ސިދާންތުގެ ބައްޕަ ކަމަށްވާ، ބޮލީވުޑްގެ އެކްޓަރު ޝަކްތީ ކަޕޫރް ބުނީ އެއީ ތެދެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށާއި އަދި ސިދާންތު ހައްޔަރުކުރުމުން އެ އާއިލާ އަށް އެކަން ގަބޫލުކުރަން ވެސް ދަތި ކަމަށެވެ.

ކުރިން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތަހުގީގުކުރަމުންދިޔަ ސުޝާންތު ސިންގް ރާޖުޕުތުގެ މަރުގެ މައްސަލައާ އެކު ފެންމަތިވި ޑްރަގް މައްސަލައިގައި ވެސް ޝްރައްދާއާ ވެސް ސުވާލުކޮށްފައިވެ އެވެ.