ޕްރިމިއާ ލީގުގެ ގަވާއިދާ ހިލާފަށް ޖޯޒީ ތައްޔާރުކޮށްފައިވުމުން، މެންޗެސްޓާ ޔުނައިޓެޑްގެ ޖޯޒީ ބަދަލު ކުރަން ޖެހިއްޖެ އެވެ.
އެ ޓީމުގެ ފުރަތަމަ މެޗުގައި ހަލް ސިޓީއާ ދެކޮޅަށް، ބޭނުން ކުރި އަވޭ ޖޯޒީ ފަރުމާކޮށްފައި ވަނީ ލީގުގެ ގަވައިދާ ހިލާފަށެވެ.
ޖާޒީގެ ކަނާތު އަތުކުރީގައި ޕްރިމިއަރ ލީގުގެ ބެޖު ހަރުކޮށްފައި ވީނަމަވެސް، ވައާތު އަތުކުރި އޮތީ ހުސްކޮށެވެ. އެ މައްސަލަ ދިމާވީ ކުރިން އެ އަތުކުރީގައި މިދިޔަ ހަތަރު އަހަރު ވަންދެން ޖެހި އިސްތިހާރުގެ ލޯގޯ ނެތުމުންނެވެ.
މިދިޔަ ހަތަރު އަހަރު އެ އަތު ކުރީގައި އިސްތިހާރު ޖެހި ކުންފުނި، އެމެިރިކާގެ ޑީއެކްސްސީ ޓެކްނޮލޮޖީއާ އެކު ޔުނައިޓެޑުން 2022 ގައި ހެދި އެއްބަސްވުން މިދިޔަ ސީޒަނުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
އަތުކުރީގައި ޖަހާ ސްޕޮންސަރުގެ ގޮތުގައި އެހެން ކުންފުންޏެއް ޔުނައިޓެޑަކަށް ނުލިބުނެވެ.
އެކަމަކު ސްޕޮންސަރެއް ނެތް ނަމަ، ޕްރިމިއާ ލީގުގެ ލޯގޯ ހުންނަން ޖެހޭނެ އެވެ. ޕްރިމިއާ ލީގުގެ ގަވާއިދު ބުނާގޮތުން އެއްވެސް ލޯގޯއެއް ނުވަތަ ލޭބަލެއް ނެތި އަތު ކުރި ހުސްކޮށް ހުރުމަކީ ގަވާއިދާ ހިލާފު ކަމެކެވެ.
"ލީގުގެ ލޯގޯ: ހޯމް ޖޯޒީ އަދި ބަދަލުގައި ބޭނުންކުރާ އަވޭ ޖޯޒީގައި ވެސް ކަނާތު އަތުކުރީގައި ލީގުގެ ލޯގޯ ހުންނަން ވޭނެ އެވެ. ޖާޒީގެ ވާތު އަތުކުރީގައި ސްޕޮންސަރެއްގެ ލޯގޯއެއް ނެތްނަމަ، އެ ފަޅީގައި ވެސް ލީގުގެ ލޯގޯ ހަރުކުރަން ވާނެ އެވެ،" ޕްރިމިއާ ލީގުގެ 2026-2027 ގެ ސީޒަނުގެ ގަވާއިދު ފޮތުގައި ލިޔެފައިވާ ކަމަށް ދި އެތުލެޓިކް ނޫހުން ބުންޏެވެ.
ޖޯޒީގެ އަތު ކުރީގައި ސްޕޮންސަރެއް ނެތް އިތުރު ދެ ޓީމު ކަމަށްވާ ޗެލްސީ އާއި ކްރިސްޓަލް ޕެލަސްގެ ފުރަތަމަ މެޗުގައި އެ ދެ ޓީމުން ބޭނުން ކުރި ޖޮޒީގެ ދެ އަތުކުރީގައި ވެސް ލީގުގެ ލޯގޯ ޖަހާފައިވެ އެވެ.
އާދިއްތަ ދުވަހު އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅޭ މެޗުގައި، ޔުނައިޓެޑްގެ ދެ އަތުކުރީގައި ވެސް ލީގުގެ ބެޖު ހަރުކުރާނެ އެވެ. އެ މެޗަކީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި އެ ޓީމުން ކުޅޭ ފުރަތަމަ މެޗެވެ.