ލަންޑަން (އޭޕްރީލް 12) - ޗެލްސީގެ ދަނޑުގައި ފަހު ހާފުގައި ޖެހި ގޯލުތަކުން 3-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަ ކޮށްފި އެވެ.
ލަނޑެއްނުޖެހި ނިމުނު ފުރަތަމަ ހާފަށް ފަހު ސިޓީން ލީޑު ނެގީ 51 ވަނަ މިނިޓުގައި ނިކޯ އޮރައިލީ ޖަހައިދިން ލަނޑުންނެވެ. އޭގެ ހަ މިނިޓު ފަހުން ލީޑު ފުޅާ ކުރި ލަނޑު ޖަހައިދިނީ ޗެލްސީގެ އެކަޑަމީން ތަމްރީނު ވުމަށް ފަހު އެ ޓީމަށް ލީގު މެޗެއް ނުކުޅެނީސް ދޫކޮށްލި މާކް ގޭއީ އެވެ. މިއީ ކްރިސްޓަލް ޕެލަސްގެ ކެޕްޓަންގެ މަގާމުގައި ހުރި ގޭއީ ފެބްރުއަރީ މަހު ސިޓީއަށް ބަދަލުވެ ލީގުގައި ޖަހައިދިން ފުރަތަމަ ލަނޑެވެ. ސިޓީގެ ފަހު ލަނޑު 68 ވަނަ މިނިޓުގައި ޖަހައިދިނީ ޖެރެމީ ޑޯކޫ އެވެ.
މި ނަތީޖާއާ އެކު ހަވަނައިގައި އޮތް ޗެލްސީއަށް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދަން ކުރާ މަސައްކަތް އިތުރަށް ބުރަ ވެފަ އެވެ. އެ ޓީމު ހަވަނައިގައި އޮތީ 32 މެޗުން ލިބުނު 48 ޕޮއިންޓާ އެކު އެވެ. ލީގުގައި ޗެލްސީ ދެން ނުކުންނާނީ ރަނގަޅު ފޯމުގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
ސިޓީ ދެވަނައިގައި އޮތީ 31 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް އާސެނަލް ވަނީ އިއްޔެ ބޯންމަތާ ވާދަކޮށް ބަލިވެފަ އެވެ. އާސެނަލް އެއްވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން، 32 މެޗުން ހޯދި 70 ޕޮއިންޓާ އެކު އެވެ.
ސިޓީ ލީގުގައި ދެން ނުކުންނާނީ އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އާސެނަލް އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފަހު ލެގު ކުޅޭނެ އެވެ.