"ނިންޓެންޑޯ" ވީޑީއޯ ގޭމްގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ ޖަޕާނުގެ ސަޓޯރޫ އިވާޓާގެ ޓްރިބިއުޓެއްގެ ގޮތުގައި މިދިޔަ އަހަރު ޖަޕާނު ބަހުން ނެރުނު ފޮތް "އިވާޓާ-ސެން" އަންނަ އަހަރު އިނގިރޭސި ބަހުން ނެރެން ނިންމައިފި އެވެ.

"އާސްކް އިވާޓާ" ގެ ނަމުގައި ފޮތް އަންނަ އަހަރުގެ ބަހާރު މޫސުމުގައި އިނގިރޭސި ބަހުން ނެރޭކަން ޕަބްލިޝިން ހައުސް ވިޒުން ވަނީ ކަށަވަރު ވެސް ކޮށްދީފަ އެވެ. އެތަނުން ބުނީ ޗާޕްކޮށްގެންނާއި ޑިޖިޓަލްކޮށް ވެސް ނެރޭނެ ކަމަށެވެ.

"އިވާޓާ-ސެން" މިދިޔަ އަހަރު ނެރުމާ އެކު، އެ ފޮތް އިނގިރޭސި ބަހުން ނެރެން ވަރަށް ގި ނަ ބަޔަކު އެދިފައިވެ އެވެ. ސަބަބަކީ ގިނަ ބަޔަކަށް އެނގޭ ބަހަކުން ފޮތް ނެރެފި ނަމަ އިވާޓާގެ ވާހަކައިން އިބުރަތް ހާސިލުކުރަން ފަސޭހަވާނެތީ އެވެ. އެހެންވެ ވިޒުން ފަހިކޮށްދެނީ އެ ފުރުސަތެވެ.

މި ފޮތުގައި އިވާޓާގެ ކެރިއަރުގެ މުހިއްމު ގިނަ ވާހަކަތަކާ އެކު ވީޑިއޯ ގޭމްގެ ދުނިޔެ އާއި އޭގެ ވިޔަފާރި އަށް އޭނާ އިސްކޮށް ހުރެގެން ނިންޓެންޑޯ އިން ގެނައި އިންގިލާބުތަކުގެ ވާހަކަ ކިޔައިދީފައި ހުންނާނެ އެވެ. އަދި އިވާޓާ އެކު މަސައްކަތްކުރި މީހުންނާއި އޭނާ ދީފައިވާ މުހިއްމު އިންޓަވިއުތައް ވެސް ފޮތުން ކިޔައިލެވޭނެ އެވެ.

ނިންޓެންޓޯގެން ރައީސްކަމާއި ސީއީއޯގެ މަގާމު ވެސް އަދާކުރި އިވާޓާ ވަނީ 55 އަހަރުގައި 2015 ގައި މަރުވެފަ އެވެ.