ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަގާމަށް ޝުއައިބު ޔޫސުފް އައްޔަންކުރިިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ރިޝްފާގެ ދައުރު ހަމަވުމުންނެވެ. 

ޝުއައިބު ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލްކަން ފުރުއްވައިފަ އެވެ. ނަމަވެސް 2016 ވަނަ އަހަރު އޭނާ ވަނީ ކޮމިޝަނުން ރިޓަޔާވެފަ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އާ މެމްބަރަކު އައްޔަންކުރިއިރު، އެ އިދާރާއަށް މި ފަހުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން، ޓްރައިބިއުނަލްގެ ރައީސަކަށް ހުންނެވި އިސްހާގު ހުސެއިން އިސްތިއުފާ ދެއްވައި އަދި ނައިބަކަށް ހުންނެވި ފާތިމަތު މަހީރާ ވަކިކުރި އެވެ. 

އޭގެ ބަދަލުގައި ރައީސަކަށް އަމްޖަދު މުސްތަފާ އަދި ނައިބު ރައީސް ކަމަށް އަހުމަދު މަމްދޫހު މި ފަހުން ވަނީ ހަމަޖައްސައިފަ އެވެ. 

ޓްރައިބިއުނަލްގެ ރައީސާއެކު އެ ތަނުގައި ޖުމްލަ ނުވަ މެމްބަރުން ތިއްބަވަ އެވެ.