ފުލުހުންގެ ވަޒީފާއިން މީގެ 12 އަހަރު ކުރިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާދޭން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މެއި 2014 ގައި ޝިޔާމް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލަ ޝިޔާމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމާފައި އޮތީ އޭނާއަށް ވަޒީފާދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ.

އެ މައްސަލަ ޝިޔާމްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝިޔާމް ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމުމުގައި ރިއާޔަތްކުރި ހެއްކަކީ ކޮބައިކަން އެނގޭނެ ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާތީ އެ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވާކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ. 

ހުކުމުގައިވަނީ ވަޒީފާ އިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށް ދިނުމުގެ ބުރަ އޮންނާނީ ދައުލަތަށް ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާގެ މައްސަލަތަކުގައި ކޯޓުތަކުން ބަލަން ޖެހޭނީ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކުރިތޯ އަދި އެ މިންވަރުގެ ހެކި ބޯޑަށް ލިބިފައިވޭތޯ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ނަމަވެސް އެކަން ސާބިތުވާނެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާތީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ބާތިލް ކުރަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.