އިންޑިއާގެ ކޮމީޑިއަން ވިރް ދާސް އާއި ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް އިންޓަނޭޝަނަލް އެމީ އެވޯޑް ލިބިއްޖެ އެވެ.

އެ އެވޯޑް ހަފުލާ ބޭއްވީ އެމެރިކާގެ ނިއު ޔޯކްގައި އިއްޔެ އެވެ. އިންޓަނޭޝަނަލް އެމީ އެވޯޑަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އުފައްދާ ސީރީޒްތަކާއި ޓީވީ ޝޯތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެކެވެ.

ވިރް ދާސް އަށް އެވޯޑް ލިބުނީ އޭނާ ވާދަކުރި އެންމެ މޮޅު ކޮމެޑީ ކެޓަގަރީން އޭނާގެ ސްޓޭންޑް އަޕް ކޮމެޑީ ޝޯ "ވިރް ދާސް: ލޭންޑިން" އަށެވެ.

ހިންދީ ޓީވީ ސިލްސިލާތައް ޕްރޮޑިއުސްކޮށްގެން ގިނަ ބައެއްގެ ލޯބި ހޯދި އެކްތާ އަށް ލިބުނު އެވޯޑަކީ އިންޓަނޭޝަނަލް އެމީ ޑިރެކްޓޮރޭޓް އެވޯޑެވެ. އެއީ ޓީވީގެ ދާއިރާ އަށް އޭނާ ކޮށްދީފައި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.

މިފަހަރު ވެސް އިންޓަނޭޝަނަލް އެމީ އެވޯޑުގައި އިންޑިއާގެ ގިނަ އުފެއްދުންތަކެއް ވާދަކުރި އެވެ.

ޝެފާލީ ޝާހް ވަނީ "ދެއްލީ ކްރައިމް"ގެ ދެވަނަ ސީޒަން އިން އެންމެ މޮޅު އެކްޓްރެސް އަށް ވާދަކޮށްފަ އެވެ. އަދި "ރޮކެޓް ބޯއިސް"ގެ ދެވަނަ ސީޒަން އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ޖިމް ސާބް ވަނީ ވާދަކޮށްފަ އެވެ. އެ ދެމީހުން އެވޯޑަށް ނޮމިނޭޓްވި ނަމަވެސް، އެވޯޑް ކާމިޔާބެއް ނުވި އެވެ.

"ދެއްލީ ކްރައިމް"ގެ ފުރަތަމަ ސީޒަނަށް ވަނީ 2020 ވަނަ އަހަރު އިންޓަނޭޝަނަލް އެމީ އެވޯޑްގައި އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑް ލިބިފަ އެވެ.