ތައިލެންޑުގައި 60 އަށް ވުރެ ގިނަ އެތަށް ކާންދިނުމަށް ބޮޑު ބުފޭއެއް އިއްޔެ ބާއްވައިފި އެވެ.

އެ ބުފޭ ބޭއްވީ އެ ގައުމުގައި ފާހަގަކުރާ ގައުމީ އެތުގެ ދުވަހުގެ މުނާސަބަތުގައި ޗޮންބުރީ ޕްރޮވިންސްގެ ޕާކެއްގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ. ގާތްގަނޑަށް އަށް މީޓަރުގެ ބޮޑުމިން ހުންނަ މޭޒެއްގައި އެ އެތްތަކަށް ދެ ޓަނުގެ މޭވާ އާއި ތަރުކާރީ ކާންދީފައިވެ އެވެ.

ތައިލެންޑްގައި 60 އެތަށް ކާންދިނުމަށް ބޭއްވި ބުފޭ.-- ފޮޓޯ: ރޮއިޓާސް
ތައިލެންޑްގައި 60 އެތަށް ކާންދިނުމަށް ބޭއްވި ބުފޭ.-- ފޮޓޯ: ރޮއިޓާސް

އެތަކީ ތައިލެންޑްގެ ގައުމީ އަދި ސަގާފީ ރަމްޒެއްގެ ގޮތުގައި އެމީހުން ދެކޭ އެއްޗެކެވެ. މަސައްކަތްކުރުމަށާއި ދަތުރުފަތުރުގައި ވެސް ބޭނުންކުރާ އެތަކީ އެ ގައުމުގެ ރަސްރަސްކަލުންނާއި ގައުމީ ބަތަލުން ހަނގުރާމަތަކުގައި ބޭނުންކުރި އެއްޗަކަށް ވުމުން އެއަށް ވަރަށް ބޮޑު އިއްޒަތެއް ދީފައިވެ އެވެ.

ކޮންމެ އަހަރަކު ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ އެ މުނާސަބަތު، ކޮވިޑްއާ ގުޅިގެން މިފަހުން ބާއްވަމުން އައީ ވަރަށް ކުދި ހަފުލާތަކާ އެކުގަ އެވެ.

އެންމެ ފުރަތަމަ ތައިލެންޑްގައި ގައުމީ އެތުގެ ދުވަސް ފާހަގަކުރީ މާޗު 13، 1999 ގަ އެވެ.