ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އީވޯޓިން ސިސްޓަމް ބޭނުން ނުކުރާނެ ކަމަށް އިލެޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ޖެނުއަރީ 14ގައި ބާއްވާ އިލެކްޝަނުގައި އީވޯޓިން ބޭނުންކުރަން އީސީން ކުރިން ނިންމާފައިވީ ނަމަވެސް އެ ކޮމިޝަނުން މިއަދު ބުނީ އެގޮތަށް އަމަލް ނުކުރަން ނިންމީ ސިޔާސީ ޕާޓީތަކުގެ އެދުމުގެ މަތިން ކަމަށެވެ.

އީވޯޓިންއާ އިދިކޮޅު އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތުން ވެސް ދެކޮޅު ހެދި އެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި ރާއްޖެއަށް މިވަގުތު އީވޯޓިން ނިޒާމެއް ބޭނުމެއް ނުވެ އެވެ. އަދި އެކަން ތައާރަފްކުރަނީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދޭން ކަމަށާއި އެ ނިޒާމުގެ ސަބަބުން މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

އީވޯޓިން ނިޒާމެއް ގާއިމްކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ބައެއް ގައުމުތަކުގައި ބޭނުންކުރާ ސިސްޓަމްތައް ބަލައި، ރާއްޖެ އަށް އެކަށީގެންވާ އެއްޗެހި ފާހަގަ ވެސް ކޮށްފަ އެވެ.

އީވޯޓިންއާ މެދު އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާ ސަބަބުތަކުގެ ތެރޭގައި އިންތިހާބުގެ ނަތީޖާ އޮޅުވާލުމުގެ ބާރު ކޮމިޝަނަށް ލިބުމުގެ އިތުރުން، އިލެކްޝަންސް ކޮމިޝަން، ސަރުކާރުގެ ނުފޫޒުގެ ތެރޭގައި ތާށިވުން ވެސް ހިމެނެ އެވެ.

ލޯކަލް އިންތިހާބުގައި އީވޯޓިން ބޭނުންނުކުރާ ގޮތަށް ހަމަޖެއްސިޔަސް 2018 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެ ނިޒާމް ތައާރަފުކުރާނެކަން ނުވަތަ ނޫންކަން އިލެކްޝަންސްއަކުން އަދި ނުނިންމަ އެވެ.