މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން) ބޭނުންކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތައްޔާރުވަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރަނީ ހުސް ތުހުމަތުތަކެއް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިންތިހާބުގައި މީޑިއާތަކާ ގުޅޭ ބައެއް ކަންކަމާ މަޝްވަރާކުރަން، ނޫސްވެރިންނާ އެކު ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބާއްވާ އިންތިހާބުގައި އީ ވޯޓިން ބޭނުން ނުކުރާނެ ކަމަށެވެ. އެކަން ކުރެވޭނީ، ގާނޫނުތަކަށް އިސްލާހު ގެނެސްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހަމަގައިމު ވެސް ރިޔާސީ އިންތިހާބުގައި އީ ވޯޓިންއެއް ބޭނުމެއް ނުކުރާނެ، އެއީ ހަމަ ޔަގީންކަމެއް،" އީސީގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ޝަރީފް ވިދާޅުވި އެވެ.
އީ ވޯޓިން ބޭނުން ނުކުރި ނަމަވެސް އީ ކައުންޓިން ނުވަތަ އިލެކްޓްރޯނިކް ޒަރިއްޔާ އިން ވޯޓު ގުނުމުގެ ފުރުސަތު އޮވެދާނެ ކަން މެމްބަރުން ފާހަގަކުރެއްވި އެވެ. އެކަމަކު އެއީ ވެސް މުޅިން އަދި ގޮތެއް ކަނޑަނޭޅޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
އީ ކައުންޓިން އަށް ވެސް ދެވޭނީ، ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް އީ ކައުންޓިން ސިސްޓަމްތަކެއް އިލެކްޝަންސުން ބެލި އެވެ. ރާއްޖެއާ އެންމެ ގުޅޭ ދެ ވައްތަރެއްގެ މެޝިން ކަމަށް އެ ކޮމިޝަނުން ގަބޫލުކުރީ، ވޯޓު ފޮއްޓާ އެކުގައި ހުންނަ ގުނާ މެޝިނަކާއި ފޮއްޓާ ވަކިން ހުންނަ މެޝިނެކެވެ.
އީސީން ބެލި ވޯޓު ފޮއްޓާ އެކު ހުންނަ މެޝިނުން ފަސް ސިކުންތުގެ ތެރޭގައި މުޅި ފޮށި ގުނާލެވެ އެވެ. އަނެއް މެޝިނުން މިނެޓަކު 100 ކަރުދާސްކޮޅު ގުނާލެވޭނެ އެވެ. މީގެ ތެރެއިން، ވަކި ސިސްޓަމެއް އީސީން ފައިނަލެއް ނުކުރެ އެވެ. ކައުންސިލް އިންތިހާބުގައި އީ ކައުންޓިންއެއް ބޭނުމެއް ވެސް ނުކުރެ އެވެ.
ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން ހުށަހަޅާފައިވީ ނަމަވެސް އޭގެ ތެރޭގައި ކަންބޮޑުވުން އޮތް އެއްވެސް ކަމެއް ހިމަނާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ޝަރީފް ދެއްވި އެވެ. އެގޮތުން، ރިޔާސީ އިންތިހާބުގެ ދައުރު ދިގުދެންމުމާ ގުޅޭ އެއްވެސް ކަމެއް ވެސް އެ ބަދަލުގެ ތެރޭގައި ނުހިމެނޭ ކަމަށާއި އެއީ ކޮމިޝަންގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި، އީ ވޯޓިން އަކަށް ދާން ސަރުކާރުން ބޭނުން ވަނީ، ވޯޓުގައި މަކަރު ހެދުމަށެވެ. އެކަމަކު، މި ތުހުމަތު ދޮގުކުރަމުން ޝަރީފް ވިދާޅުވީ އިންތިހާބު އޮންނާނީ މިނިވަން، އިންސާފުވެރިކޮށް ކަމަށެވެ.