ބޮޑު ޖޯކަކަށް ވެފައިވާ ލޯންޗު އިވެންޓާއެކު، 2019 ވަނަ އަހަރު ޓެސްލާ އިން ދައްކައިލި އިލެކްޓްރިކް "ސައިބަޓްރަކް" އަންނަ އަހަރު އާންމުންނަށް ލިބެން ފަށާނެ ކަމަށް އެ ކުންފުނިން އެންމެ ފަހުން ބުނެފި އެވެ.

މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ އިލެކްޓްރިކް ވެހިކަލް ކުންފުނި ޓެސްލާ އިން 2019 ވަނަ އަހަރު ވަނީ އެ ކުންފުނީގެ "ވަރުގަދަ" ޓްރަކް ނުވަތަ "ސައިބަޓްރަކް" ދައްކާލައިފަ އެވެ.

އެ އިވެންޓުގައި މަސްކް ވާހަކަ ދެއްކިއިރު، ބުނީ އެހާ ވަރުގަދަ މެޓީރިއަލް ބޭނުންކޮށްގެން އެހެން އުޅަނދެއް ހަދާފައެއް ނުވާނެ ކަމަށެވެ. އޭގެ ބިއްލޫރިގަނޑަށް ވެސް ބޭނުންކޮށްފައި ވަނީ ތަޅައިގެން ނުދާ ފަދަ ބިއްލޫރި ކަމަށް މަސްކް އިވެންޓު ތެރޭގައި ބުނެ އެވެ.

އެ ކަމަށް ބާރު ދިނުމުގެ ގޮތުން މަސްކްގެ އެސިސްޓެންޓަކު ބިއްލޫރިގަނޑާ ދިމާއަށް ބޯޅައެއް އެއްލަ އެވެ. ވަގުތުން ބިއްލޫރިގަނޑު ތަޅައިގެން ދާ މަންޒަރު ފެނި، މުޅި އިވެންޓު ވީ ޖޯކަކަށެވެ.

އެ އަށް ފަހު، އެ އުޅަނދަށް ތަފާތު އެކި ބަދަލު ގެނެސް އަލުން ޕްރޮޑަކްޝަން ފަށައި އެ މާކެޓަށް ނެރޭނެ ކަމަށް އޭނާ ބުންޏެވެ. އެ އުޅަނދު މާކެޓަށް ނެރުން ލަސްވަމުން ގޮސް އެންމެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި ނެރުމަށް ހަމަޖެއްސި އެވެ. އެކަމަކު އެކަމެއް ވެސް ނުވި އެވެ.

އެންމެ ފަހުން ޓެސްލާއިން މިހާރު ބުނަނީ އަންނަ އަހަރުގެ މެދުތެރޭގައި ސައިބަޓްރަކް އާންމުންނަށް ލިބެން ފަށާނެ ކަމަށެވެ.