ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރިއަސް ދުވަހުގެ ބޮޑު ބައިގައި މުޅި ރާއްޖެ އަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓު އޮފީހުން މިއަދު ބުނެފި އެވެ.

މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް މޫސުން ލަފާކޮށް، އެ އިދާރާއިން ބުނީ އީދު ދުވަހާ އެކު ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އެކަމަކު، ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް ބުންޏެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކުން 8-18 މޭލާ ދެމެދު ބާރު މިނުގައި ކަމަށް ވާތީ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރަނީ 5-3 ފޫޓާ ދެމެދުގަ އެވެ.

އީދަށް ލިބޭ ހަފުތާއެއްގެ ބޮޑު ބަންދަށް ރަށްރަށަށް ގިނަ ބަޔަކު ދަނީ ދަތުރުކުރަމުންނެވެ.

ބޮޑު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ.