މި ދުވަސްވަރު ޑެންގީ އާއި ޗިކުންގުންޔާ ފަދަ ގައިންގަޔަށް އަރާ ބަލިތައް އިތުރުވަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ޗުއްޓީ ދުވަސްތައް ހޭދަ ކުރާއިރު އެކަމަށް ސަމާލު ވާން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ޑެންގީ، ޗިކުންގުންޔާ އާއި ބޭރަށް ހިންގުން އަދި އިންފްލުއެންޒާ ފަދަ އަރިދަފުސް ރޯގާތައް އިތުރުވަމުން އަންނަ ދުވަސްވަރެއް ކަމަށެވެ.
އެފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު ކުޑަ ކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވެސް އެ އޭޖަންސީ އިން ބުންޏެވެ.
އަރިދަފުސް ރޯގާތަކުން ރައްކާތެރިވާން އަޅާ ބައެއް ފިޔަވަޅުތައް:
- ރޯގާ ޖެހިގެން ދިގުލައިގެން ދާނަމަ ޑޮކްޓަރުގެ ލަފާ ހޯދުން.
- ރޯގާގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުން.
- ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުން.
ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުން:
- ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުމާއި ރޯ ތަރުކާރި އާއި މޭވާ ރަނގަޅަށް ދޮވުން.
- ކާބޯތަކެތި ރައްކާކުރާ ތަންތަނަކީ ސާފުތާރިހު ތަނެއްތޯ ކަށަވަރު ކުރުން.
- ކާބޯތަކެއްޗަށް ދިރޭ ސޫފާސޫފި ނޭރޭނެހެން ރައްކާތެރި ކުރުން.
- ތާޒާ ކާބޯތަކެތި ބޭނުން ކުރުން.
- ކުނި ރައްކާ ކުރުމުގައި މަތި ޖެހޭ ޑަސްބިނެއް ބޭނުން ކުރުމާއި ވީހާވެސް އަވަހަށް ކުނި އުކާލުން.
- ބޭރަށް ހިންގުމުގެ އަލާމާތް ދިމާވާނަމަ ކުދިން ސްކޫލަށް ނުގެންދިޔުން.