އީދު ދުވަސް ފިޔަވައި އީދު ބަންދުގެ އެހެން ހުރިހާ ދުވަހަކު ވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އީދު ބަންދުގައި، މި މަހު 17 އިން ފެށިގެން 20 އަށް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް ވެސް ބުންޏެވެ.
އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް ހުށަހަޅޭނެ ގަޑިއެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދުގަ އެވެ.
އެ ދުވަސްތަކުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. ކިއުބީ އެޕް ބޭނުންކޮށްގެން ނުވަތަ އިމިގްރޭޝަންގެ ކައުންޓަރަށް ގޮސްގެން އެ ގަޑިތަކުގައި ކިއު ނަންބަރު ނެގޭނެ އެވެ.
މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި މިހާރެކޭ އެއްގޮތަށް އިމިގްރޭޝަންގެ ހޮޓްލައިނަށް ގުޅަން ވަނީ އިލްތިމާސްކޮށްފަ އެވެ.