މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް، އެ ފުރުސަތު ފަހިކޮށްދިނުމަށް "ވިނަވި ސްކީމް"ގެ ނަމުގައި ލޯނު ސްކީމެއް ޅ. އަތޮޅު ކައުންސިލުން ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ އެކި ޔުނިވަސިޓީތަކާއި ކޮލެޖުތަކުން އަންނަ މަހު ފަށާ ކޯސްތަކަށް ހޮވިފައިވާ ޅ. އަތޮޅުގެ ދަރިވަރުންނަށް، މި ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި ސްކީމްގައި ދެނީ 30 ފުރުސަތެކެވެ. އެއީ ޑިޕްލޮމާގެ 15، ބެޗެލާސްގެ 10 ފުރުސަތު އަދި މާސްޓާސް އަށް ކިޔެވުމަށް ފަސް ޖާގަ އެވެ.

ޅ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަސްފަރު މިއަދު ވިދާޅުވީ ލޯނު ދޭނީ މައިގަނޑު ދެ ދާއިރާ ކަމުގައިވާ، ތައުލީމް އަދި ސިއްހީ ދާއިރާއިން ކަމަށެވެ.

އަސްފަރު ވިދާޅުވީ މި ލޯން ސްކީމުގެ ސަބަބުން، ޅ. އަތޮޅުގައި ތައުލީމީ ދަރިވަރުންތަކެއް އުފެދިގެން ދާނެ ކަމަށެވެ. އަދި މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ފަސޭހަތަކެއް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސްފަރު ވިދާޅުވި ގޮތުގައި، ވިނަވި ސްކީމަށް ހޮވޭ ދަރިވަރުންގެ ތެރެއިން، ވަޒީފާގައި ނޫޅޭ މީހުންނަށް ލޯނު އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ. އަދި ލޯނު ލިބޭ ދަރިވަރުންނަށް، ޅ. އަތޮޅުގެ ކޮންމެ ރަށެއްގައި ބޮންޑުގެ ގޮތުގައި ތިން އަހަރު ވަންދެން މަސައްކަތް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިނަވި ސްކީމަށް ކުރިމަތިލާ ދަރިވަރުންގެ ފޯމުތައް ދިރާސާ ކުރުމަށް ޅ. އަތޮޅު ކައުންސިލުން ވަނީ ހަ މެމްބަރުން ހިމެނޭ ކޮމެޓީއެއް ނަގައިފަ އެވެ.

މި ލޯން ސްކީމް ތައާރަފްކުރީ، 2005 ވަނަ އަހަރު ޔޫއެންޑީޕީން ޅ. އަތޮޅުގައި ހިންގި ޕްރޮޖެކްޓެއްގެ ދަށުން ހުޅުވި ފަންޑަކުންނެވެ. އެގޮތުން މަސް ކެއްކުމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް އެ ފަންޑުން ވަނީ ޅ. އަތޮޅުގެ މީހުންނަށް ލޯނު ދޫކޮށްފަ އެވެ.