ކޮވިޑާ ގުޅިގެން އެންމެ ބޮޑަށް އަޑިއަޅާލި އިގްތިސާދުތަކުގެ ލިސްޓުގައި ރާއްޖެ އޮތެވެ. އިގްތިސާދު ގާތްގަނޑަކަށް 30 ޕަސެންޓަށް ވެއްޓުނެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި ދިރިއުޅުމަށް ކުރަމުން އައި ވިޔަފާރި ހުއްޓާލަން ޖެހުނެވެ. ބޯޑަރު ބަންދުކުރުމާ ގުޅިގެން ޓޫރިސްޓުން އައުން ހުއްޓި ރާއްޖެ އަށް ލިބޭ އާމްދަނީގެ 70 ޕަސެންޓް ގެއްލުނެވެ. މިކަމުން އަރައިގަތުމަށް ދެ އަހަރު ނުވަތަ ތިން އަހަރު ނަގާނެ ކަމަށް އޭރު ގިނަ ބަޔަކު އަންދާޒާކުރި އެވެ. ނަމަވެސް ކޮވިޑްގެ ހާލަތަށް އަހަރެއްވީ އިރު ރާއްޖޭގެ އިގްތިސާދުން މި ފެންނަނީ މުޅިން ތަފާތު މަންޒަރެވެ.

ކޮވިޑްގެ ހާލަތުން މުޅިން އަރައި ނުގަނެވުނަސް ރާއްޖެ އަށް މިހާރު ވެސް އަންނަ ޓޫރިސްޓުންގެ އަދަދު އެއް މަހުން އަނެއް މަހަށް އަންނަނީ އިތުރުވަމުންނެވެ. އަދި ކޮންމެ މަހަކު ދައުލަތަށް ލިބޭ އާމްދަނީ ވެސް އަންދާޒާކުރި ވަރަށް ވުރެ އިތުރުވެ ފޯކާސްޓްތައް އަންނަނީ ބީޓް ކުރަމުންނެވެ. ޓޫރިޒަމުން ފެންނަ އުންމީދީ ކުރިއެރުމާ އެކު އެހެން ދާއިރާތައް ކަމަށްވާ ކޮންސްޓްރަކްޝަން އަދި ކޮމާޝަލް ދާއިރާ އިން ވެސް އަންނަނީ މަޑުމަޑުން ކުރިއަރަމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ މަތިންދާބޯޓުން ޓޫރިސްޓުން ފައިބަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ މަތިންދާބޯޓުން ޓޫރިސްޓުން ފައިބަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ކޮވިޑްގެ ހާލަތު ވެގެންދިޔައީ އެއް ބަޔަކަށް އެ މީހުންގެ ހުނަރުތައް ދައްކާލުމަށް ލިބުނު ފުރުސަތަކަށެވެ. ގޭގައި އަތް އުރާލައި ނުތިބެ، ގިނަ ބަޔަކު ވަނީ ކްރިއޭޓިވް އެތައް މަސައްކަތްތަކެއް ފަށައިފަ އެވެ. އޭގެތެރޭގައި ތަފާތު އެކި ކަހަލަ ހޯމް މޭޑް ޑެޒާޓް ތައްޔާރުކޮށްގެންނާއި ކްރާފްޓް އެތައް މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދާނެ މަގުތައް ތަނަވަސް ކުރި އެވެ. މިކަން ކަމުގެ ސަބަބުން ވެސް އިގްތިސާދީ ހަރަކާތްތައް އިތުރުވެ ރަނގަޅުވުމަށް މަގުފަހިވި އެވެ.

ރާއްޖޭގެ އިގްތިސާދު ދިރާސާކުރައްވާ އަދި ކްރޯ މޯލްޑިވްސްގެ އެޑްވައިޒަރީ ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހަލީމް ވިދާޅުވީ، މި އަހަރު އިގްތިސާދު ކޮވިޑްގެ ހާލަތު އައުމުގެ ކުރިން އޮތް ހިސާބަށް ދާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ މި އަހަރު ނިމޭ އިރު ރާއްޖޭގެ އިގްތިސާދު ގާތްގަނޑަކަށް ހަތް ޕަސެންޓަށް ކުރިއަރާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މާލީ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުން ހޯދަމުން އަންނަ ކުރިއެރުމެވެ. ރާއްޖޭގެ އިގްތިސާދުގައި މާލީ ދާއިރާގެ ހިއްސާ ވަރަށް ކުޑަ އެވެ. އެހެން ކަމުން އޭގެ އަސަރު އިގްތިސާދަށް ފެންނަ ވަރު ކުޑަވާނެ އެވެ.

"މިހާރު ވަރަށް ގިނަ ރިސޯޓުތައް އޮތީ އޮޕަރޭޝަންގައި. ވަރަށް ގިނަ އެއާލައިންތަކުން ރާއްޖެ އަށް އެބަ ދަތުރުކުރޭ. އެހެންވީމަ އިގްތިސާދު ހަމަ ޕްރީ ކޮވިޑް ލެވެލް އަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

މާރުކޭޓު ސަރަހައްދުން މީހަކު ވިޔަފާރިކުރަނީ،--. ފޮޓޯ: ނިޝާން އަލީ/މިހާރު
މާރުކޭޓު ސަރަހައްދުން މީހަކު ވިޔަފާރިކުރަނީ،--. ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައި ވަނީ ޓޫރިޒަމް ދާއިރާއަށެވެ. ވޭތުވެދިޔަ ތިން މަހު ރާއްޖެއަށް 350،000 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. ޓޫރިޒަމް ދާއިރާއާ އެކު އެހެން ދާއިރާތަކުން ވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ އެވެ. އެގޮތުން އިމްޕޯޓްކުރާ ވަރާއި އެހެން ކޮމާޝަލް ވިޔަފާރިތަކުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާ ވެސް ކުރިއަރާނެ ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރަައްވަ އެވެ.

އިކޮނޮމިސްޓް އިސްމާއިލް އިދްރީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ފެންނަނީ ވަރަށް ވެސް އުންމީދީ ގޮތަކަށް ކަމަށެވެ. އޭނާގެ އަންދާޒާއަކީ މި އަހަރު ނިމޭ އިރު ރާއްޖޭގެ މުޅި އިގްތިސާދު 50 ޕަސެންޓަށް ރިކަވާ ވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ދާއިރާ ކަމަށްވާ ޓޫރިޒަމުން 70 ޕަސެންޓް ރިކަވަރީއެއް ލިބޭނެ ކަމަށް އޭނާ އަންދާޒާ ކުރައްވަ އެވެ.

"އިގްތިސާދު ވަރަށް ޕޮޒިޓިވްކޮށް މި ފެންނަނީ. ޓޫރިޒަމަށް އަންނަ ކުރިއެރުމާ އެކު އެހެން ދާއިރާތަކުން ވެސް އެކަން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

މިގޮތުގައި އިގްތިސާދު ކުރިއަށް ގެންދިއުމަށް އެހެން ސިނާއަތްތަކުން ވެސް ކުރިއެރުންތައް ހޯދަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އިދްރީސް ވިދާޅުވީ، މަސްވެރިކަމާއި ކޮންސްޓްރަކްޝަން ދާއިރާ އަދި ދަނޑުވެރިކަން ކުރިއަރުވަން ވެސް މި ވަގުތު އިސްކަން ދިނުން ވަރަށް މުހިއްމު ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކު ކޮށްފައި ހުރި ފްލައިޓްތަކެއް: ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތް ޓޫރިޒަމް ލަފާކުރި ވަރަށް ވުރެ އަވަހަށް ރަނގަޅުވެ، ދުވަހުން ދުވަހަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ މައްޗަށް އަރަމުން--.ފޮޓޯ:ނިޝާން އަލީ/މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކު ކޮށްފައި ހުރި ފްލައިޓްތަކެއް: ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތް ޓޫރިޒަމް ލަފާކުރި ވަރަށް ވުރެ އަވަހަށް ރަނގަޅުވެ، ދުވަހުން ދުވަހަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ މައްޗަށް އަރަމުން--.ފޮޓޯ:ނިޝާން އަލީ/މިހާރު

ޓޫރިޒަމާ އެއް ލެވެލެއްގައި ރާއްޖޭގައި އެހެން ސިނާއަތްތައް ކުރިއަރަމުން ނުދިޔަ ނަމަވެސް ކޮވިޑްގެ ހާލަތަށް ފަހު ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާ ކުރިއަރުވަން އިސްކަން ދޭ ވަރު ސަރުކާރުން މިވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ ގޮތް ހެއްދުމަށް އެސްޓީއޯ މެދުވެރިކޮށް ހާއްސަ ޕްރޮގްރާމެއް މިހާރު ފަށައިގެން ކުރިއަށްގެންދެ އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވީ، މި އަހަރު ނިމޭ އިރު އިގްތިސާދަށް ފުލް ރިކަވަރީއެއް ނުލިބުނަސް ގާތްގަނޑަކަށް 85 ޕަސެންޓްގެ ރިކަވަރީއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު މި އަހަރު ނިމޭ އިރު 34 ޕަސެންޓަށް ކުރިއަރާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ. އަދި މިހާރު މިފެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ އަންދާޒާ މިއަށްވުރެ ވެސް މަތިވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ހެޔޮ އަސަރު

ކޮވިޑް-19ގެ ސަބަބުން އައި އިގްތިސާދީ އަޑިގަނޑަށްް ފަހު ދުނިޔޭގައި ދެވަނަ އަށް އެންމެ ހަލުވިކަމާ އެކު އިގްތިސާދު ކުރިއަރާ ގައުމަކީ ރާއްޖެ ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް)ގެ ދާދިފަހުން ބުނެފައިވެ އެވެ. އައިއެމްއެފުން އަންދާޒާކުރާ ގޮތުން މި އަހަރު އިގްތިސާދު 18 ޕަސެންޓަށް ކުރިއަރާނެ އެވެ. އިގްތިސާދު މިހާ އަވަހަށް ކުރިއަރަން ފެށީ ބޯޑަރު އަވަހަށް ހުޅުވާލައި ގެއްލުންތައް ކުރިމަތިިވި ވިޔަފާރިތަކާއި ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުންނެވެ.

ސަރުކާރުން އިންކަމް ސަޕޯޓަށް 21،000 މީހުންނަށް 390 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކޮވިޑްގެ އެކި ކަންކަމަށް 3.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކޮވިޑްގައި ގެއްލުމާ ކުރިމަތިވި 1،400 ވިޔަފާރިއަކަށް 340 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ އިރު އަމިއްލަ މަސައްކަތް ކުރާ 2،000 މީހުންނަށް 360 މިލިއަން ރުފިޔާގެ އެހީދީފައިވެ އެވެ. ކޮވިޑާ ގުޅިގެން އާންމު ފަރުދުންނަށް އެހީވުމުގެ ގޮތުން 92،000 ގެއަކަށް 48 މިލިއަން ރުފިޔާ ކަރަންޓުން މާފު ކޮށްދީފައިވެ އެވެ. އަދި ފެނުން 48،000 ގޭބީސީއަކަށް 10 މިލިއަން ރުފިޔާ މާފުކޮށްދީފައިވެ އެވެ. މީގެ އިތުރުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް އެއް އަހަރުދުވަހުގެ މުއްދަތެއް މިހާރު ވަނީ ދީފަ އެވެ. މި އެހީތެރިކަން ސަރުކާރުން ދީފައިވަނީ ބޭރުގެ ހިލޭ އެހީ އާއި ލޯނު ހޯދައިގެންނެވެ.

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އަޅާނެ ފިޔަވަޅުތައް ސަރުކާރުން ހާމަކުރައްވަނީ: (ކ-ވ) މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، ފިނޭންސް މިނިސްޓަރު އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އަޅާނެ ފިޔަވަޅުތައް ސަރުކާރުން ހާމަކުރައްވަނީ: (ކ-ވ) މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، ފިނޭންސް މިނިސްޓަރު އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވީ، އިގްތިސާދަށް އަންނަ މިފަދަ އުނދަގޫ ހާލަތްތަކުގައި އިގްތިސާދީ ހަރަކާތްތައް ހުއްޓުވިޔަނުދީ ކުރިއަށް ގެންދިއުމަށް ޓަކައި، ހަރަދު ބޮޑުވި ނަމަވެސް އެކަންކަމަށް ސަރުކާރުން ހަރަދު ކުރުން ވަރަށް މުހިއްމު ކަމަށެވެ. ފަޒީލް ވިދާޅުވީ، މި ވަގުތު އޮތް އެންމެ ބޮޑު އުންމީދަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުން ނަމަވެސް އެއީ ހަމައެކަނި ދިވެހިންގެ ކޮންޓްރޯލް އޮތް ދާއިރާއެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުން ކޮވިޑްގެ ހާލަތުގައި އިގްތިސާދީ ހަރަކާތްތައް ނުހުއްޓި ހިންގަން މަގުފަހިކުރުމަކީ ވަރަށް ވެސް މުހިއްމުކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އާންމުކޮށް އިގްތިސާދީ މާހިރުން ދައްކަވާ އެއް ވާހަކައަކީ ސަރުކާރުތަކުން ވިޔަފާރިތައް ކުރުމަކީ އެންމެ ރަނގަޅު ނޫން ކަމަށްވީ ނަމަވެސް ކޮވިޑްގެ ހާލަތުގައި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ވެސް އާންމުންނަށް ބޮޑު ފަސޭހައެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ސަރުކާރުން ވިޔަފާރިކުރުމުން މި ހާލަތުގައި ލިބުނީ ފައިދާ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަކީ ކޮވިޑްގެ ހާލަތުގައި އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް އިދްރީސް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ބޯޑަރު އަވަހަށް ހުޅުވާލައި "ސޭފް" ގައުމެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، ދުނިޔޭގެ މަގްބޫލުކަން މި ހާލަތުގައި ލިބުމަކީ ވެސް އިގްތިސާދު އިތުރަށް ކުރިއަށް އަރައިގެން ދާނެ ކަމުގެ ފާލެއް ކަމަށެވެ.

ޓޫރިސްޓް ބަބުލްއެއް އުފެދިދާނެ

ކޮވިޑްގެ ހާލަތު އައުމުގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާ އާއި ޔޫރަޕްގެ ގައުމުތަކުންނެވެ. އަދިވެސް ޗައިނާ އާއި ޔޫރަޕްގެ ގިނަ ގައުމުތައް އޮތީ ބޯޑަރު ބަންދުކޮށްފަ އެވެ. ވެކްސިނަށް ފަހު މި ދެ ސަރަހައްދު ވެސް ހުޅުވާލާނެ ކަމަށް ބެލެވެ އެވެ.

ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ދަތުރުކުރަން ކެތްމަދު ވެފަ އެވެ. އެހެންކަމުން ޔޫރަޕާއި ޗައިނާ ހުޅުވާލުމުން ރާއްޖެ އަށް ގިނަ އަދަދަށް އެއްފަހަރާ ޓޫރިސްޓުން އަންނަން ފަށައިފާނެ އެވެ. ސަރުވަޝް ވިދާޅުވީ، އެފަދަ ހާލަތަކަށް ވެސް ރާއްޖެ ތައްޔާރަށް އޮތް ކަމަށެވެ. ސަބަބަކީ މިހާރު ވެސް 90 ޕަސެންޓް ރިސޯޓުތައް ހުރީ އޮޕަރޭޝަނުގައި ކަމަށްވާތީ އެވެ.

ހުޅުލެ:ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ ބޯޓުން އައި ޓޫރިސްޓުން ރިސޯޓުތަކަށް ދިއުމަށް ލޯންޗަށް އަރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
ހުޅުލެ:ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ ބޯޓުން އައި ޓޫރިސްޓުން ރިސޯޓުތަކަށް ދިއުމަށް ލޯންޗަށް އަރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

"ހުރިހާ ސަރަހައްދެއް ހުޅުވާލުމުން ޓްރެވަލް ބަބުލެއް އުފެދުން ގާތް. އެކަމަކު އެއީ ވަގުތީ ކުރިއެރުމެއް. އެއަށްފަހު އަނެއްކާ ވެސް މާކެޓް ހަމައަކަށް އެޅި އަންނަ ޓޫރިސްޓުންގެ ވަރު އެއްވަރެއްގައި ހިފެހެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ތިން މަހު ރާއްޖެ އަށް އެވްރެޖްކޮށް 95،000 ޓޫރިސްޓުން އައި އިރު ކޮވިޑް އައުމުގެ ކުރިން 2019 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު އެވްރެޖްކޮށް 160،000 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ. މިއަހަރު ފަހުކޮޅު 2019 ވަނަ އަހަރާ އެއް ލެވެލްއެއްގައި ނުވަތަ އެއަށް ވުރެ ވެސް ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ބުނެ އެވެ.

މި ވަގުތު ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުން ވިޔަފާރިތަކަށް ބޮޑު އުންމީދެއް ވަނީ ލިބިފަ އެވެ. ކޮވިޑްގެ ހާލަތު މުޅިން ނުނިމުނު ނަމަވެސް ދިވެހިން މިވަނީ ކޮވިޑާ އެކު އުޅެން ދަސްކޮށް، ވިޔަފާރި ހަރަކާތްތައް ހިންގާނެ އާ ގޮތްތައް ވެސް ދަސްކޮށްފަ އެވެ. އެހެންވެ މި އަހަރު ވާނީ އިގްތިސާދީ ގޮތުން ފާގަތި އަހަރަކަށެވެ.