ކޮވިޑް-19ގެ ސަބަބުން ކުރިމަތިވ އިގްތިސާދީ ހީނަރުކަމުގައި ވަޒީފާ ގެއްލިފައިވާ މީހުންގެ ތެރެއިން، އިންކަމް ސަޕޯޓުގެ ގޮތުގައި މިހާތަނަށް 2507 މީހަކަށް 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔެއްގެ ވަޒީފާ ގެއްލި، އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ވިޔަފާރިތަކާއި އާންމުންނަށް 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއްގެ ދަށުން އެހީވުމަށް ނިންމައިފަ އެވެ. ވަޒީފާ ގެއްލުނު މީހުންނަށް އެންސްޕާ މެދުވެރިކޮށް އިންކަމް ސަޕޯޓުގެ ގޮތުގައި ދޭން ނިންމާފައި ވަނީ މަހަކު 5،000ރ. އާ ހަމައަށެވެ.
ކޮވިޑް-19 ގެ ނޭދެވޭ އަސަރު ކޮށްފައިވާ ރާއްޖޭގެ މަސައްކަތްތެރިންނަށް އެހީވުމަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު (197 މިލިއަން ރުފިޔާ) ދޭން ނިންމާފައިވެ އެވެ. މި އެހީގައި ހިމެނެނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ.
އެ ބޭންކުގެ މާލީ އެހީތެރިކަމާ އެކު، ގާތްގަނޑަކަށް 13،000 މީހުންނަށް 5،000ރ. ގެ މަގުން އެލަވަންސް ދޭނެ އެވެ.
އިންކަމް ސަޕޯޓުގެ އިތުރުން ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 339 މިލިއަން ރުފިޔާ، އެސްޑީއެފްސީ މެދުވެރިކޮށް 108 މިލިއަން ރުފިޔާ ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ވަނީ ދޫކޮށްފަ އެވެ.
މީގެ އިތުރުން ފެނުން ދީފައިވާ 30 ޕަސެންޓް ޑިސްކައުންޓުގެ ގޮތުގައި 10.2 މިލިއަން ރުފިޔާ ހޭދަކުރެވިފައިވެ އެވެ. އެގޮތުން ކޮންމެ ބިލަކުން އެވްރެޖްކޮށް 200ރ. ގެ ޑިސްކައުންޓެއް ދީފައިވެ އެވެ. މި ހޭދަ ކޮށްފައިވަނީ ފެނަކަ އާއި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ގޭބީސީތަކަށް ދޭ ފެނުގެ ހިދުމަތުންނެވެ. މީގެ އިތުރުން ކަރަންޓުގެ ހަރަދުން 40 ޕަސެންޓްގެ ޑިސްކައުންޓް ގޭބީސީތަކަށް ދިނުމާ އެކު އެކަމަށް 49.7 މިލިއަން ރުފިޔާ ވެސް ވަނީ ހޭދަކޮށްފަ އެވެ. މިއީ ކޮންމެ ބިލަކުން އެވްޖެޓުކޮށް 500ރ. ގެ ޑިސްކައުންޓެކެވެ.