ކޮވިޑާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރި ކޮވިޑް ރިކަވަރީ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު 8 އަހަރާއި ހަ މަހަށް އިތުރުކޮށްދީފި އެވެ.
ކޮވިޑާ ގުޅިގެން ޓޫރިޒަމް ދާއިރާ އާއި ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލުން ފުރަތަމަ ލޯނު ދޫކުރީ ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ގޮތަށެވެ. ލޯނުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަ މަސް ދުވަސް ހިމެނި އެވެ. ނަމަވެސް އޭގެ ފަހުން ވަނީ ގްރޭސް ޕީރިއަޑް އެއް އަހަރު ދުވަހަށް އިތުރުކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ރިކަވަރީ ލޯނު ނެގި މީހުންގެ ގްރޭސް ޕީރިއަޑް ވަނީ 19 މަސް ދުވަހަށް އިތުރުކޮށްދީފަ އެވެ. އެގޮތަށް އިތުރުކޮށް ދިނީ، އެކަމަށް އެެދި ހުށަހެޅި ވިޔަފާރިތަކަށެވެ.
ކޮވިޑް-19 ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ގްރޭސް ޕީރިއަޑް އިތުރު ކުރުމަށާއ ލޯނު ރީޝެޑިއުލް ކުރަން އެދޭ ވިޔަފާރިތަކުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެކަން އީމެއިލް މެދުވެރިކޮށް އެންގުމަށް އެދިފައިވެ އެވެ.
ކޮވިޑާ ގުޅިގެން 184 ވިޔަފާރިއަކަށް 637.8 މިލިއަން ރުފިޔާ ވަނީ ވިޔަފާރިތަކަށް ދޫކޮށްފަ އެވެ. އެ ލޯނު ސްކީމްގެ ދަށުން ބީއެމްއެލުން ރިސޯޓުތަކަށް 7.7 މިލިއަން ރުފިިޔާގެ ލޯނު ދޫކުރި އިރު އެހެނިހެން ވިޔަފާރިތަކަށް ދޫކުރާނީ އެއް މިލިއަން ރުފިޔާ އެވެ.
ބީއެމްއެލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން 70 ޕަސެންޓު ފަރާތްތަކަށް ލޯނު ދޫކުރި އެވެ.