ފުރަތަމަ ޖީލުގެ އައިފޯނެއް މިހާރު ބޭނުންވާނީ ކާކު ހެއްޔެވެ؟ އެ އަށް ވުރެ ހެޔޮ އަގުގައި ބާރުގަދަ އައިފޯނުތައް ބޭނުން ވަރަކަށް މިހާރު ލިބެން އެބަ ހުއްޓެވެ.
އެކަމަކު އޮރިޖިނަލް އައިފޯނުތައް، އީބޭގައި މިހާރު ވެސް އެބަ ވިއްކަ އެވެ. ޒަމާނަށް ބަލާއިރު އެއިން ފޯނެއްގައި އާރެއް ބާރެއް ނެތް ނަމަވެސް، އަގުތައް ހުރީ ކަނި ކަނޑައިގެންދާ ވަރުގަ އެވެ. ވިހި ހާސް ޑޮލަރުން މަތީގަ އެވެ.
ދުނިޔެ އަށް އެންމެ ފުރަތަމަ އައިފޯނެއް ދައްކާލީ ޖެނުއަރީ 9، 2007 ގަ އެވެ. މެކްވޯލްޑް ކޮންފަރެންސްގައި، އެޕަލްގެ ސީއީއޯ، ސްޓީވް ޖޮބްސް އެވެ. ބައިވެރިންނަށް އައިފޯނު ފެނުމާ އެކު، އެ ތަނުގައި ތިބިހާ ބަޔަކު، އެ ފޯނަށް ބޭނުންވި އެވެ. އެ ފޯނުގެ މޮޅުކަމުގެ ވާހަކަ އެ އަށް ފަހު ނިމުމަކަށް އަދި ވެސް ނާދެ އެވެ.
އައިފޯނުގެ ފުރަތަމަ އަދަދުގައި ދެތިން މޮޑެލްއެއް އާންމުކުރި އެވެ. އެއީ އިންޓާނަލް ސްޓޯރޭޖް 16ޖީބީ، 8ޖީބީ އަދި 4ޖީބީ އެވެ. "އެމްއެމްއެސް" ސަޕޯޓެއް ނުކުރެ އެވެ. ޒަމާނީ ފޯނުތަކާ އަޅާބަލާ ނަމަ ކެމެރާގައި ކަމެއް ނެތެވެ. ފުރަތަމަ އައިފޯނުގައި އިނީ 2 މެގަޕިކްސެލް ކެމެރާއެކެވެ. އޮޓޯ ފޯކަސް، ފްލޭޝް އަދި ބްލޫޓޫތު ޓެކްނޮލޮޖީއެއް ނެތެވެ. ސަޕޯޓްކުރަނީ "އެޖް" ނެޓްވޯކެވެ. އައިފޯނު 3ޖީ އަށް ބަދަލުކުރީ ޖެހިގެން އައި އަހަރު އެވެ.
އައިފޯނު ތައާރަފުކުރިއިރު އެ އަށް ވުރެ މޮޅު ފޯނެއް ނެތެވެ. ފޯނަށް ގެނެވިދާނެ ކިތަންމެ ކުރިއެރުމެއް ހުރި ނަމަވެސް، ސްމާޓްފޯން މާކެޓަށް އެޕަލް ވަދެގަތުމުގައި، ސްޓީވް ޖޮބްސް ވަރަށް މޮޅަށް ކުޅުއްވި އެވެ. އައިފޯނު ހިޓަކަށް ހެއްދެވީ ސްކްރީންގައި ހުރި އޮމާންކަމެއްގެ މޮޅުކަމުންނެވެ.
އައިފޯނަށް 10 އަހަރު ފުރެން އަންނައިރު، އެ ސީރީޒް މިހާރު އުޅެނީ ހަތް ވަނަ ޖީލުގަ އެވެ. ނަމަވެސް ފުރަތަމަ ޖީލުގެ ފޯނުތަކުގެ ހައިސިއްޔަތު، ފައިސާއިން ގުނާ ނަމަ އެހެން ހުރިހާ ޖީލަކަށް ވުރެ ބޮޑެވެ. މަދު ބަޔަކަށް ނޫނީ އެއިން ފޯނެއް ލިބޭކަށް ނެތެވެ. ބޭނުންތެރިކަން އެ ވަނީ އުފުލިފަ އެވެ. އެ އަގުގައި ފުރަތަމަ ޖީލުގެ ފޯނެއް ގަތް ނަމަވެސް، ބޭނުންކުރާކަށް އެކަކު ވެސް ބޭނުމެއް ނުވާނެ އެވެ. ދުވަސްތަކެއް ފަހު މިހާރަށް ވުރެ ބޮޑު އަގުގައި ވިކޭނެ އެވެ. ބުއްދިވެރީ ފޮށި ނުކަނޑައި އާސާރުކޮށްފައި ބޭއްވުމެވެ.