އިސްލާމްއާބާދު (މެއި 14) - ރޯދަ މަހު ދުވާލުގެ ވަގުތުތަކުގައި އާއްމު ތަންތަނުގައި ކެއިން ބުއިން މަނާކުރަން ހުށަހެޅި ބިލަށް ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ބަޚްތަވާރު ބުއްޓޫ ޒަރުދާރީ ފާޑު ވިދާޅުވެއްޖެ އެވެ.
ބަޚްތަވާރު، 27، ވިދާޅުވީ "އިހްތިރާމް ރަމަޒާން ބިލް 2017" އަކީ އިސްލާމް ދީނާ ޚިލާފު "މޮޔަ ބިލެއް" ކަމަށެވެ. މި ބިލުގައިވާ ގޮތުން އާއްމުކޮށް ހުޅުވާލައިގެން ކެއުމުގެ ޚިދުމަތް ރޯދަ މަހު ދުވާލު ދޭ ނަމަ ހޮޓާތަކުގެ ވެރިން 500 އާއި 25،000 ރުޕީސްއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
"މި ބިލް އޮތް ގޮތުން، މިހާ ހޫނުގަދަ ދުވަސްވަރެއްގައި ހީޓް ސްޓްރޯކް ޖެހި މީހުން މަރުވެދާނެ. މިއީ އިސްލާމް ދީނުގައި އޮންނަ ގޮތެއް ވެސް ނޫން،" ބަޚްތަވާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ބުއްޓޫގެ ދޮށީ ދަރިކަނބަލުން ވިދާޅުވީ ޕާކިސްތާނުގެ ކޮންމެ މީހަކީ ރޯދަ ނުހިފޭނެ މީހެއް ކަމަށާއި އެކަމަށް ބިލުގައި ސަމާލުކަން ދީފައި ނުވާ ކަމަށެވެ.
"ސްކޫލްތަކަށް ދާ ކުޑަ ކުދިންނަށް ރޯދައެއް ނުހިފޭނެ. ސިއްހީ މައްސަލަތައް ހުންނަ އުމުރުން ދުވަސްވީ މީހުންނަށް ރޯދައެއް ނުހިފޭނެ. އެފަދަ މީހަކު ރޯދަ މަހު ދުވާލު ފެން ބޮއެފި ނަމަ ހިފާ ހައްޔަރު ކުރަންވީތަ؟" ބަޚްތަވާރު ވިދާޅުވި އެވެ.
ޕާކިސްތާނުގެ ސެނެޓުގެ ރިލިޖަސް އެފެއާޒް ކޮމިޓީގެ އިއްތިފާގުން ބުދަ ދުވަހު ވަނީ މި ބިލް ފާސްކޮށްފަ އެވެ.
ޕާކިސްތާނުގައި 1981 ވަނަ އަހަރު ފާސްކުރި "އިހްތިރާމީ ރަމަޒާން" ބިލުގައިވާ ގޮތުން ރޯދަ މަހު ދުވާލު ގަޑީގައި އެއްވެސް މުސްލިމަކު އާއްމު ތަންތަނުގައި ކެއުން ބުއިން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ހީޓް ސްޓްރޯކް މައްސަލަ ބޮޑުވުމުން ބައެއް އިލްމުވެރިން ވަނީ ސިއްހަތަށް ނުރައްކާވާހެން ހީވާ ނަމަ ރޯދަ ދޫކޮށްލެވިދާނެ ކަމަށް ފަތުވާ ދީފަ އެވެ.