ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރުން މަދުކުރުމުގެ ކެމްޕޭނެއްގެ ކޮންމެ އަހަރަކު ވެސް ފާހަގަކުރާ "އާތު އަވާ"ގެ ރަސްމީ ހަރަކާތް މި އަހަރު އައްޑޫގައި ބާއްވަން ހަމަޖައްސައިފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީ އާއި އާތު އަވާ މޯލްޑިވްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާތު އަވާ މޯލްޑިވްސްގެ އެޑްވޮކެސީ ލީޑް މައީދު ޒާހިރު ވިދާޅުވީ، މި އަހަރުގެ އާތު އަވާގެ ރަސްމީ ހަރަކާތުގެ ގޮތުގައި އޮންނަ، "ސްވިޗް އޯފް" ނުވަތަ ލައިޓްތައް ނިއްވާލުމުގެ ހަރަކާތް އައްޑޫގައި އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ އައްޑޫގައި ކަމަށެވެ.
އައްޑޫގައި ރަސްމީކޮށް ފާހަގަކުރި ކަމުގައި ވިޔަސް، މުޅި ރާއްޖޭގައި އެ ހަރަކާތް އޮންނާނެ އެވެ.
އާތު އަވާގައި އެއް ގަޑިއިރަށް ލައިޓްތައް ނިއްވާލާނެ އެވެ. އެގޮތުން، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ކަރަންޓު ކަނޑާލައި އެ ހަރަކާތުގައި ބައިވެރިވުމަށް އާތު އަވާ މޯލްޑިވްސް އަދި އެންވަޔަރްމަންޓް މިނިސްޓްރީ އެދެ އެވެ.
އައްޑޫގައި ހަރަކާތް ބާއްވަނީ، މައީދު ވިދާޅުވި ގޮތުގައި، ގުދުރަތީ ރީތިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްކޭނެ ރަށެއްގައި ބޭއްވުމުގެ ގޮތުންނެވެ. އޭނާ ވިދާޅުވީ ބައިކް މޯލްޑިވްސްއާ ގުޅިގެން ބައިސްކަލް ދުއްވުމާއި ރެސްޓޯރެންޓްތަކާއި ކެފޭތައް ގުޅިގެން ކެންޑްލް ލައިޓް ޑިނާއެއް ބޭއްވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައިި އެންވަޔަރްމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާ ވިދާޅުވީ މީގެ ކުރީ އަހަރުތަކުގައި އާތު އަވާ ފާހަގަކުރާއިރު، އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކޮށް ހިނގާފައި އުޅޭ ވަގުތުތަކެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް މިއަހަރު އެކަން މަޖުބޫރު ނުކުރާނެ ކަމަށެވެ.
"އެހެން އަހަރުތަކުގައި އަޅުގަނޑުމެން ހަދާ ގޮތަށް، އެ ގަޑީގައި ދުއްވުން މަނާކޮށް އެކަހަލަ އެއްވެސް ކަމެއް މިއަހަރު ރާވާފައެއް ނެތް. އެހެން ނަމަވެސް ދުއްވުން މަނާކޮށްފައި ނެތަސް، އަޅުގަނޑުމެންގެ އެދުމަކީ އެ ވަގުތުކޮޅު ފައިމަގުގައި ވީހާ ވެސް ގިނަ ބޭފުޅުން އުޅުއްވައި ދެއްވުން. އަދި ދިއްލުންތައް މަދުކޮށް ކަރަންޓް ބޭނުންކުރެވޭ މަދުކޮށް ދުނިޔެއަށްޓަކައި އެ ވަގުތުކޮޅު ހުސްކޮށްލަ ދެއްވުން،" އަޖްވަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާތު އަވާގެ ހަރަކާތުގައި ބައިވެރިވުމަށް ސަރުކާރުގެ އިދާރާތަކުގައި ވެސް އެދިފައިވާ ކަމަށެވެ.
އާތު އަވާގެ ހަރަކާތުގެ ފޮޓޯތައް ވީހާ ވެސް ގިނައިން ސޯޝަލް މީޑިއާގައި ހިއްސާކުރަން ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.
މިއީ ރާއްޖޭގައި މި ހަރަކާތް ބާއްވާ 10 ވަނަ އަހަރެވެ. އާތު އަވާގައި، ކަރަންޓަށް ކުރާ ހޭދަ ކުޑަވެގެންދާކަން މިނިސްޓްރީން ފާހަގަކުރި އެވެ.