ޖިބޫތީ (ފެބްރުއަރީ 25) - ޖިބޫތީގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ޑީޕީ ވޯލްޑް އިން ހިންގަމުން ދިޔަ ކޮންޓެއިނާ ޓާމިނަލް އަތުލައިފި އެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ޖިބޫތީން ބުނީ ޑީޕީ ވޯލްޑާ އެކު ގާއިމްކޮށްފައިވާ އެއްބަސްވުމުގެ ސަބަބުން ޖިބޫތީގެ މިނިވަންކަމާއި އިސްތިގްލާލަށް ނުރައްކާވަމުންދާ ކަމަށެވެ. އަދި ޑީޕީ ވޯލްޑާ އެކު ގާއިމްކޮށްފައިވާ އެއްބަސްވުން އުވާލަން ޖެހުނީ އެ ކުންފުނިން ސުލްހަވެރި ގޮތުގައި މައްސަލަ ހައްލު ކުރަން ބޭނުން ނުވުމުން ކަމަށް ޖިބޫތީން ބުންޏެވެ.

ޖިބޫތީގެ ޑޮރާލާ ކޮންޓެއިނާ ޓާމިނަލް (ޑީސީޓީ) 30 އަހަރުގެ މުއްދަތަށް ހިންގުމުގެ ބިޑް ޑީޕީ ވޯލްޑުން ކާމިޔާބުކުރީ 2006 ވަނަ އަހަރު އެވެ. އެ ބަނދަރު ހުޅުވާފައި ވަނީ 2009 ވަނަ އަހަރު އެވެ.

ޖިބޫތީއަކީ ކުޑަ ގައުމެއް ނަމަވެސް ބާލް އަލް މަންދީބު ކަނޑުއޮޅީގައި ޖިބޫތީ އޮތީ ޔޫރަޕާއި ގަލްފު އަދި އޭޝިއާގެ މުހިންމު ޝިޕިން ލޭނެއްގަ އެވެ.

ދުނިޔޭގައި ބަނދަރުތައް ހިންގުމުގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ކުންފުނިން ބުނެފައި ވަނީ ޑީސީޓީ ބަނދަރު ޖިބޫތީން އަތުލީ ގަވާއިދާ ޚިލާފަށް ކަމަށާއި އެ ކުންފުނީގެ ހައްގުތައް ހޯދުމަށް ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ދާނެ ކަމަށެވެ.