މައްކާ (މާޗް 9) - ކޮރޯނާވައިރަހާ ގުޅިގެން ސައުދީ ސަރުކާރުން ފިޔަވަޅުތައް އެޅީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމަށާއި އެފަދަ ފިޔަވަޅުތަކާ މެދު ބިރު ނުގަތުމަށް މައްކާ އާއި މަދީނާގެ ދެ ހަރަމްގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް ޝެއިޚް އަބްދުއްރަހްމާން އަލް ސުދައިސް ރޭ ވިދާޅުވެއްޖެ އެވެ.

މަސްޖިދުލް ހަރަމްގައި ރޭގެ އިޝާ ނަމާދު އިމާމްވެ ކުރެއްވުމަށް ފަހު ސުދައިސް ދެއްވި ތަގްރީރުގައި ވިދާޅުވީ ކޮރޯނާވައިރަސް ފަދަ ބަލިތައް ވަނީ ދުނިޔެ އަށް އައިސްފައި ކަމަށާއި ހުރިހާ ކަމެއް ވެސް މެދުވެރި ކުރައްވަނީ މާތް ﷲ ކަމަށެވެ.

"ސައުދީ ސަރުކާރުން ފިޔަވަޅުތައް އަޅަމުން ދަނީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް. އެއީ ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅުތަކެއް. އިވޭ އަޑުތަކާއި ހީތަކާއި ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ބިރު ނުގަނޭ،" މައްކާގެ ހަރަމްފުޅުގެ އިސް އިމާމް ވިދާޅުވި އެވެ.

ރޭގެ އިޝާ ނަމާދަށް ފަހު ޝެއިޚް ސުދައިސް ހަރަމްފުޅުގައި ތަގްރީރު ކުރައްވަނީ. --ފޮޓޯ:ހަރަމައިން
ރޭގެ އިޝާ ނަމާދަށް ފަހު ޝެއިޚް ސުދައިސް ހަރަމްފުޅުގައި ތަގްރީރު ކުރައްވަނީ. --ފޮޓޯ:ހަރަމައިން

ސުދައިސްގެ ތަގްރީރު ނިންމަވާލެއްވީ މާތް ﷲ ގެ އިރާދަފުޅާ އެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ވެސް ހަމައަކަށް އެޅޭނެ ކަމަށް ވިދާޅުވަމުންނެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ކިޔަމަންވުމަށް ވެސް ސުދައިސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހަކު ސައުދީން ފެނުމާ ގުޅިގެން އެ ގައުމުން ވަނީ އުމްރާގެ އަޅުކަން ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އަދި އިޝާ ނަމާދުގެ އެއްގަޑިއިރު ފަހުން މައްކާގެ ހަރަމް ބަންދު ކުރަން ވަނީ ހަމަޖައްސައިފަ އެވެ. ގެފުޅު ފަށާ ތަވާފް ކުރަން އޮންނަ މަތާފް އޭރިއާ އެއްކޮށް ބަންދުކުރި ނަމަވެސް މިހާރު ވަނީ އެއްބައި ހުޅުވާލައިފަ އެވެ.

ސައުދީން މިހާރު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 11 މީހުން ފެނިފަ އެވެ.