މައްކާ (އޮކްޓޯބަރު 20) - ނޫސްވެރިޔާ ގެއްލުމުގައި ސައުދީ އަރަބިއާއާ ދެކޮޅަށް އުފައްދާފައިވާ މައްސަލާގައި އެންމެން އެއްބައިވުމަށް މައްކާގެ އިމާމް ޑރ. އަބްދުއްރަހްމާން ސުދައިސް އިއްޔެގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފި އެވެ.

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މި މަހު 2 ވަނަ ދުވަހު ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ވަން ފަހުން އޭނާގެ ޚަބަރެއް ނުވި މައްސަލައިގައި ސައުދީ އަށް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.

އެ ތުހުމަތުތައް ކުރަމުން ދަނިކޮށް ސައުދީ އަރަބިއާ އިން މިއަދު ވަނީ ކޮންސިއުލޭޓް ތެރޭގައި ހިނގި ޒުވާބެއް ހޫނުވެ އެންމެ ފަހުން މަރާމާރީއަކަށް ބަދަލުވެ ނޫސްވެރިޔާ މަރުވީ ކަމަށް ބުނެފަ އެވެ. މިއީ ނޫސްވެރޔާ މަރުވެފައިވާ ކަމަށް ސައުދީން އެއްބަސްވި ފުރަތަމަ ފަހަރެވެ.

"ތަކްރާރުކޮށް ކުރެވޭ ތުހުމަތުތަކާއި ވަކި ކޮޅަކަށް ޖެހިފައިވާ މީޑިއާ ކެމްޕޭންތަކުން ސައުދީ އަރަބިއާގެ އުސޫލުތައް ދެމެހެއްޓުމަށް ހުރަހެއް ނޭޅޭނެ،" މައްކާގެ ހަރަމްފުޅުގައި ދެއްވި ޚުތުބާގައި ސުދައިސް ވިދާޅުވި އެވެ. "ސައުދީ އަރަބިއާ އިން ވަކީލްކޮށް، ވާގިއެދެނީ ހަމައެކަނި މާތްﷲ ގެ ހަޟުރަތުން. އެއަށް ފަހު ދުރުވިސްނޭ މި ގައުމުގެ ވެރިންގެ ޒައާމަތާއި ދޮގު ތުހުމަތުތަކާ ދެކޮޅު ހެދުމުގައި އެއްބައިވަންތަކަން ދަައްކާ ދަރިންގެ ކިބައިން."

އިމާމް ވަނީ ސައުދީ ރައްޔިތުން ހަގީގަތާ ކުރިމަތިލުމަށް އެދިވަޑައިގެން ދޮގު ތުހުމަތުތަކުގެ ތެރެއަށް ފުންމާ ނުލުމަށް އެދިވަޑައިގެންފަ އެވެ.

"ސައުދީއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބިލިއަނަކަށް ވުރެ ގިނަ މުސްލިމުންގެ އިހްސާސްތަކާ ކުޅުން،" ސުދައިސް ވިދާޅުވި އެވެ.

ސައުދީގެ އިސް ފަރާތްތަކުން ދަނީ ނޫސްވެރިޔާގެ މައްސަލާގައި ސަރުކާރުން ކަންތައް ކުރާ ގޮތާ މެދު ޝާހީ އާއިލާ އަށް ތާއިދު އޮތްކަން ޓްވިޓާ މެދުވެރިކޮށް ހާމަކުރަމުންނެވެ. އަދި ސައުދީ ނޫސްތަކުން ދަނީ އެ ގައުމާ ދެކޮޅަށް ފަށާފައިވާ މީޑިއާ ކެމްޕޭން ކުށްވެރި ކުރަމުންނެވެ.