މައްކާ (މެއި 7) - އަންނަ ރޯދަ މަހު އުމްރާގެ އަޅުކަމަށް ގިނަ ބަޔަކު ސައުދީ އަރަބިއާ އަށް ޒިޔާރަތް ކުރާ އިރު މައްކާގެ މަސްޖިދުލް ހަރަމްގެ ސަލާމަތީ ކަންކަން ވަރުގަދަވާނެ ކަމަށް ޝެއިޚް އަބްދުއްރަހުމާން ސުދައިސް ވިދާޅުވެއްޖެ އެވެ.

މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް ސުދައިސް ވިދާޅުވީ ދެ މިސްކިތުގެ ސަލާމަތީ ކަންކަމުގެ އިތުރުން އަޅުކަން ކުރާ މީހުންނަށް ފަސޭހަ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ. އަދި ސަލާމަތީ ޕްލޭން ތަންފީޒު ކުރާނީ ހައްޖާއި އުމްރާގެ ސަލާމަތީ ސިފައިންނާ ގުޅިގެން ކަމަށް ސުދައިސް ވިދާޅުވި އެވެ.

ޝެއިޚް ސުދައިސް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ހައްޖާއި އުމުރާގެ ކަންކަން ބަލަހައްޓާ ސްޕެޝަލް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އަލް ގާފީސްއާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ވަނީ ގެފުޅުގެ މިހާރުގެ ސަލާމަތީ ހާލަތާއި ސަލާމަތީ ގޮތުން ރޯދަ މަހު އަޅާނެ އިތުރު ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ ހުކުރު ދުވަހު ހެނދުނު ގެފުޅުގައި ހިނގި ހާދިސާއަކަށް ފަހު އެވެ. ސިކުނޑި ހަމަނުޖެހޭ މީހަކު ވަނީ މިސްކިތުގެ ސަރަހައްދުގައި ސިފައިންގެ މީހަކަށް ވަޅިއަކުން ހަމަލާދީފަ އެވެ. އެ ހަމަލާގައި ބައެއް މީހުން ވަނީ ކުޑަކޮށް ޒަޚަމްވެފަ އެވެ.

ހަރަމްގެ ސެކިއުރިޓީ ފޯސްގެ ތަރުޖަމާން މޭޖާ ސާމިހު އަލް ސަލްމީ ވިދާޅުވީ ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ތައްޔާރުވަމުން ދިޔައިރު މިސްކިތުގެ ޓެރަސްގައި އާދަޔާ ޚިލާފު ގޮތަކަށް އުޅެމުން ދިޔަ މީހަކު ސާވޭލެންސް ކެމެރާތަކުގެ މަންޒަރު ބަލަން ތިބި މީހުންނަށް ފާހަގަވެގެން ސިފައިން އެ މީހާ ކައިރިއަށް ދިއުމުން އޭނާ ވަނީ ވަޅިއަކުން ހަމަލާދީފައި ކަމަށެވެ.