ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާއިރު، ކޮންމެ ދުވަހަކު ބަލިޖެހޭ ކުޑަކުދިންގެ އަދަދު ވެސް އިތުރު ވެއްޖެ ކަމަށް ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ މިރޭ ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮންމެ ދުވަހަކު 10 އަހަރުން ދަށުގެ 80 ކުއްޖަކު މި ބައްޔަށް ޕޮޒިޓިވް ވާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރެއް ނުވަތަ ފަސް ކުދިންނަކީ އެއް އަހަރުން ދަށުގެ ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުވަސްވީ މީހުންނާ އަޅާބަލާއިރު ކުޑަކުދިން ސީރިއަސްވުމުގެ ފުރުސަތު ދަށް ނަމަވެސް، މިއީ ނުވާނެ ކަމެކޭ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިގޮތަށް ނަންބަރުތައް އިތުރުވަމުން ދާއިރު، ޑރ. ނަޒްލާ އެދިވަޑައިގަތީ ދަރިންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ އެންމެން ވެސް ގޭގައި މަޑުކުރަން އިސްކަންދެއްވުމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަޅަވަޅުތައް އަޅައިގެން ތިބުމަށެވެ.

ބަލިޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވަމުންދާއިރު، މި ބަލީގެ ވެކްސިން ވެސް އަދި ކުޑަކުދިންނަކަށް އާންމުކޮށް ނުލިބެ އެވެ. ކޮވިޑްގެ ވެކްސިނަކަށް ކުޑަކުދިންނަށް ދިނުމުގެ ހުއްދަ ހަމައެކަނި ލިބިފައި ވަނީ އެމެރިކާގެ ފައިޒާ ވެކްސިނަށެވެ. އެކަމަކު އެއީ 15 އަހަރު މަތީގެ ކުދިންނަށެވެ. ރާއްޖޭގައި ވެސް މި ވެކްސިން ޖެހުމަށް ހުއްދަ ދީފައި ވަނީ ދާއިމީ ބައްޔެއް ހުންނަ، 16 އަހަރު މަތީގެ ހައި ރިސްކު ކުދިންނަށް އެކަންޏެވެ.

މި ބަލީގައި މިއަދު އެކަނި ވެސް ތިން މީހުން މަރުވެފައިވެ އެވެ. ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 83 އަށް އަރައިފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އަނެއްކާވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅީ އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އެޗްޕީއޭ އިން މިރޭ އާއްމު ކުރި މައުލޫމާތަށް ބަލާއިރު، 766 މީހަކު މި ބައްޔަށް ޕޮޒިޓީވްފެއިވެ އެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު ވެސް މިހާރު ވަނީ މިއިން ދުވަހަކު މައްޗަށް ނުދާ ވަރަށް މަތިވެފަ އެވެ.