ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް މިއިން ދުވަހަކު ވެސް ނުދާހާ މައްޗަށް ގޮސް، އެތައް ބައެއްގެ ކަންބޮޑުވުން އިތުރުވުމާ ގުޅިގެން އެޗްއީއޯސީގެ ހާއްސަ ޕްރެސް ކޮންފަރެންސެއް މިއަދު މެންދުރު ބާއްވަން ނިންމައިފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެ ހަވީރު 6 އަށް 464 މީހަކަށް އަލަށް ކޮވިޑް ޖެހި، ހާލަތު ގޯސްވުމާ ގުޅިގެން މެންދުރު އެކެއް ޖަހާއިރު ބާއްވާ މީޑިއާ ބްރީފިންގައި ބައިވެރިވެވަޑައިގަންނަވާނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރާއި ހެޑް އޮފް އެޓޯލް ޕްރިޕެއާޑްނަސް އަބްދުﷲ މައުރޫފް އަދި ކޮވިޑާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާދޭ "ޓެގް" ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ އެވެ.
ސިއްހީ ދާއިރާގެ އިސް ބޭފުޅުންތަކެއް މީޑިއާ ބްރީފިން އަށް މި އަރުއްވަނީ މާލެ އިން ވެސް 200 އަށް ވުރެ ގިނަ މީހުންނަށް އިއްޔެ ކޮވިޑް ޖެހި، ރަށްރަށަށް ވެސް އެ ބަލި ފެތުރި އާންމުންގެ ކަންބޮޑުވުންތައް އިތުރު ވެފައި ވަނިކޮށެވެ. ހާއްސަކޮށް، މާލެ ސަަރަހައްދުގައި އެޗްޕީއޭ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ނުކުރެވި އަދި މުހިންމު އެތައް ފިޔަވަޅެއް ދޫކޮށްލާފައިވާތީ ބައެއް ޑޮކްޓަރުން ވެސް ހިތްހަމަނުޖެހިފައި ތިބި ދަނޑިވަޅެއްގަ އެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 4،396 އަށް އަރައިފަ އެވެ. އިއްޔެ އެކަނި ވެސް ދެ މީހަކު އެ ބަލީގައި މަރުވެފައިވާއިރު، މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދަކީ 72 އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެ ހަވީރު 6 އަށް އަލަށް ކޮވިޑް ޖެހުނު 464 މީހުންގެ ތެރެއިން 207 މީހަކަށް ބަލި ޖެހުނީ މާލެ ސަރަހައްދުންނެވެ. މާލެ ފިޔަވައި އެހެން ރަށްރަށުން އެ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހުނީ 146 މީހަކަށެވެ. ސިނާއީ ރަށްރަށުން ބަލި ޖެހުނު މީހުންގެ އަދަދަކީ 93 އެވެ.