ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫގެ އިތުރުން ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ކޮންމެ ބައްދަލުވުމެއްގައި ވެސް ރައީސް އޮފީހުގެ މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ، ފައިސަލަށް ކުރައްވަމުން ގެންދެވި ތައުރީފެވެ. ޚާއްސަކޮށް، މި ރަށުގެ ސްކޫލްތަކުގެ ވެރިންނާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާ އެކު ފައިސަލް ބޭއްވެވި ބައްދަލުވުންތަކުގައި އެކަން ވަކިން ބޮޑަށް ފާހަގަވި އެވެ.
ޑރ. މުސްތަފާގެ ހިތުގައި ފައިސަލަށް އޮތް ތައުރީފު މިއަދު ހެނދުނު ތައުލީމީ މަރުކަޒުގެ ކުދިން ކައިރީ އޮއްސާލެއްވީ އެންމެ ޖުމުލައަކުންނެވެ.
"ފައިސަލަކީ ރޯލް މޮޑެލްއަކަށް ވެސް ބަލަން ވަރަށް ރަނގަޅު ބޭފުޅެއް. ފައިސަލް ޑީލެއް ނުހައްދަވާނެ. ފައިސަލްގެ ފަރާތުން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުފެންނާނެ،" ފައިސަލަކީ ނަމޫނާ ބޭފުޅެއްކަން ފާހަގަކުރައްވަމުން މުސްތަފާ ވިދާޅުވި އެވެ.
ސްކޫލް ކުދިންނަށް މުސްތަފާ ކިޔައި ދެއްވި ގޮތުގައި ފައިސަލަކީ ރަނގަޅު ނަމޫނާ އަކަށް ބަލަންޖެހޭ އެހެން ތިން ކަމެއް އެބައޮތެވެ. އެއީ ނިކަމެތިންނަށް އަޅާލެއްވުމާއި ކެތްތެރިކަމާ އެކު އެހެން މީސްމީހުންގެ މައްސަލަތަކުގެ އަޑުއެއްސެވުމާއި އެ ކަމަކަށް ހައްލު ހޯއްދަވައި ދެއްވަން ކުރައްވާ މަސައްކަތެވެ.
ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވެސް މުސްތަފާ ވަނީ އެކަން ވަކިން ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ފުވައްމުލަކަށް އުފަން ފައިސަލަކީ ޖަމާއަތުގެ އެހެން މީހުންގެ ކަންކަމަށް ވަކިން ޚާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅަކަށް ވާތީ އެކަމަށް އަބަދުވެސް ގަދަރު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ، ފައިސަލްގެ ވަރަށް ގިނަ ހިޔާލާއި ވިސްނުންފުޅު ގެންގުޅުއްވާ ގޮތް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ސޮސައިޓީއެއް ރަނގަޅު ވެގެން މިދަނީ ސޮސައިޓީގައި ތިބޭ އެންމެ ނިކަމެތި މީހުންނާ އަޅުގަނޑުމެން އެންމެން އަޅާލާ ހިސާބަށް ދިއުމުން. އަޅުގަނޑުމެން އެންމެން ސޮސައިޓީގެ ނިކަމެތި މީހުންނަށް އަޅާލާ ކަމަށް ވަނީ ނަމަ އެ ސޮސައިޓީއެއް ދާދި އަވަހަށް ރަނގަޅުވެ، ހަމަޖެހިގެން ހިނގައިދާނެ. ސޮސައިޓީ ގޯސްވެގެން ދަނީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ކަންތައްތަކަށް އެކަނި ބަލައިގެން އަޅުގަނޑުމެން މައްޗަށް އަރައިގެން ދާތީ. އެކަމަކު ސޮސައިޓީގައި ތިބޭ އާދައިގެ ނިކަމެތި މީހުންނަށް ކަންކަން ކޮށްދޭން ފެށީމާ އެ ސޮސައިޓީއެއް ވަރަށް އަވަހަށް ރަނގަޅު ވެގެން ހިނގައިދާނެ،" ސޯޝަލް ކައުންސިލްގެ ޗެއާގެ ޒިންމާ ވެސް ނަންގަވާ ފައިސަލާ އެކު ގާތުން މަސައްކަތް ކުރައްވާ މުސްތަފާ ވިދާޅުވި އެވެ.
"އެހެންވީމާ ވީޕީއާ އެކު މަސައްކަތް ކުރަން އަޅުގަނޑަށް ލިބުނީމާ ވަރަށް ހިތްހަމަޖެހޭ. އެހެންވީމާ އަޅުގަނޑަށް ވެސް ހިޔާލު ދެއްވައި ހިތްވަރު ދެއްވާތީ ވީޕީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."
މި ސަރުކާރުގެ ސޯޝަލް ކައުންސިލް ޗެއާ ކުރައްވަނީ ނައިބު ރައީސް ފައިސަލް ކަމަށް ވާއިރު، އެ ކައުންސިލްގައި ތައުލީމީ ކަންކަމާ ގުޅޭ ގޮތުން އެމަނިކުފާނާ އެކު އެންމެ އިސްވެ މަސައްކަތް ކުރައްވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު މުސްތަފާ އެވެ.
ފައިސަލްގެ އައްޑޫ ފުވައްމުލަކުގެ މި ފަހަރުގެ ދަތުރުތަކުގައި ވެސް ސްކޫލް ކުދިންނާއި ސްކޫލްތަކުގެ ވެރިންނާ އެކު އެމަނިކުފާނު ބޭއްވެވި ބައްދަލުވުންތަކުގައި ވަނީ މުސްތަފާގެ ތަޖުރިބާ ބަދަލުކުރައްވައިފަ އެވެ.
ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރިން ކުރެއްވި މުސްތަފާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް އެކުލަވައިލާ ޓީމުގެ އެންމެ އިސް އެއް ބޭފުޅަކީ ވެސް އެއީ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ނައިބު ރައީސްކަމަށް ވަޑައިގެންނެވި ފައިސަލަކީ ކުރިއްސުރެ އިޖުތިމާއީ ޚިދުމަތްތެރި އެކެވެ. އެގޮތުން، ފައިސަލް ފައުންޑޭޝަންގެ ނަމުގައި ޖަމިއްޔާއެއް ހައްދަވައި އެކިއެކި އެހީތައް ދެއްވި އެވެ.