ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވިކަން އަންގާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި މި ވަގުތު ހުންނެވީ ގޭގައި އައިސޮލޭޝަންގައި ކަމަށާއި ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

މުރާދު ކޮވިޑަށް ޓެސްޓުކުރެއްވީ ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެންނެވެ. އޭގެ ފަހުން ބަލީގެ އަލާމާތްތައް ވަނީ ފެންނަން ފަށައިފަ އެވެ.

"ހާލު އިރާދަކުރެއްވީތީ ރަނގަޅު. އަލާމާތްތައް ވެސް ރަނގަޅުވަމުން އަންނަނީ،" ޑރ. މުރާދު ވިދާޅުވި އެވެ.

ޑރ. މުރާދު، އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކޮވިޑް ވެކްސިން ޖެހުމުގެ ކުރިން ކަރަންޓީން ފުރިހަމަކުރަންޖެހޭ ކަމަށެވެ. ކޮވިޑް، އެއްވެސް މީހަކާ ތަފާތު ނުކުރާ ކަމަށާއި ހާއްސަ ސަމާލުކަމެއްދީ ބަލިން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އަތްދޮވެ، މާސްކް އަޅައި ގައިދުރުކަން ބަހައްޓައި އެ މީހަކަށް ވަގުތު ޖެހުމުން ވެކްސިން ޖެހުމަށް ހަނދާންކޮށްދެން،" ޑރ. މުރާދު ވިދާޅުވި އެވެ.

"އެންމެން އެކަތިގަނޑަކަށް ވެގެން މި ބަލިމަޑުކަމުން އަރައިގަންނަން މަސައްކަތްކުރަން ހިނގާ."

އޭނާއަކީ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އަދި އޭގެ ފަހުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނިއުސް ކޮންފަރެންސްތަކުގައި ވެސް އާއްމުންނާ ހަމައަށް ކޮވިޑާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.