ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން ރަނގަޅުވާ ރޭޓް ނުވަތަ ރިކަވަރީ ރޭޓް ލަސްކަން ނުވަތަ ނޫންކަން އެނގޭނީ އެހެން ގައުމުތަކާ އަޅައިބަލާފައި ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ.މޫސާ މުރާދު ރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ބެހޭ ގޮތުން މައުލޫމާތު ދޭން އެންއީއޯސީގައި ބާއްވާ ސިލްސިލާ ޕްރެސް ބްރީފިންގައި ޑރ.މުރާދު ވިދާޅުވީ މި ބައްޔަށް އަދި ކަށަަވަރު ފަރުވާއެއް ނެތުމުން މިހާރު ދެމުން އަންނަނީ އެކި ގޮތްގޮތުން ފައިދާކުރާ ކަމަށް ބެލެވޭ ފަރުވާތައް ކަމަށެވެ. މި ފަރުވާ ވެސް ދެނީ ބަލީގައި ބޮޑުވަރުވާ މީހުންނަށް ކަމަށާއި ބަލީގެ އަލާމާތްތައް ނުފެންނަ އަދި ވަރަށް ކުޑަކޮށް ބަލި ހުންނަ މީހުން ރަނގަޅުވޭތޯ މަސައްކަތްކުރަނީ އެހެން ގޮތްގޮތުން ކަމަށް ވިދާޅުވި އެވެ.

"މިކަހަލަ ފަރުވާ ވެސް މި ދެނީ ވަރަށް ބޮޑަށް ބަލިވާ މީހުންނަށް، މައިލްޑް ސިމްޓަމްސް ނުވަތަ ސިމްޓަމެއް ނުހުންނަ މީހުންނަށް މިކަހަލަ ފަރުވާ ނުދެން، މިބަލީގައި އަޅުގަނޑުމެންގެ ބޮޑު ބައެއް މިއުޅެނީ އެކަހަަލަ މީހުން،" ޑރ. މުރާދު ވިދާޅުވި އެވެ.

ބަލީގައި ބޮޑުވަރުވާ މީހުންނަކީ އޭގެ ޒާތުގައި ވެސް ރަނގަޅުވާން ދުވަސް ނަގާނެ މީހުން ކަމަށާއި އެ މީހުންނަށް ދެމުން އަންނަ ބޭހަކީ ވެސް ބައްޔަށް ވަކިން ހާއްސަ ބޭހަށް ނުވާތީ، ބޭސް ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވާނެ ކަމަށް ގަބޫލުކުރެވެން ވެސް ނޯންނާނެ ކަމަށް ޑރ.މުރާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުން މޮނިޓަކޮށް ބަލަމުން އަންނަނީ އަމިއްލަ އަށް ރަނގަޅުވޭތޯ ކަމަށެވެ. އެހެންވީމާ މި ނިސްބަތް އެހެން ގައުމުތަކާ އަޅައިކިޔާލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މި ބަލި ޖެހޭ އެކި މީހުން ބައްޔަށް ރެސްޕޮންޑްކުރާ ގޮތް ތަފާތުުކަން ވެސް ޑރ.މުރާދު ފާހަގަކުރެއްވި އެވެ. އެގޮތުން އެކި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދޭ މުއްދަތުގައި ފަރަގުތައް ހުންނަ ކަމަށް ވިދާޅުވި އެވެ. އަދި ބަލިން ރަނގަޅުވާ ރޭޓު ތަފާތުވަނީ އެހެންވީމާ ކަމަށް ވެސް ވެދާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި 955 މީހަކަށް ޖެހިފައި ވާއިރު ރަނގަޅުވީ 40 މީހެކެވެ. ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.