ފުރަމޭ ނުވަތަ ލިވާގައި ހުންނަ ލަކުނުގެ މައްސަލަތައް ދެނެގަތުމަށް، އެ ގުނަވަނުން މަސް ނަގައިގެން ޓެސްޓު ކުރުމުގެ ބަދަލުގައި ސްކޭން ހެދުމަށް އައިޖީއެމްއެޗުން ތައްޔާރުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ފައިބްރޮ ސްކޭން ހަދާ މެޝިނެއް މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފަ އެވެ އެ މެޝިނުން އަންނަ ހަފުތާގައި ޓެސްޓުތައް ހަދަން ފަށަން އައިޖީއެމްއެޗުގެ އިންޓާނަލް މެޑިސިން ޑިޕާޓްމަންޓުން ވަނީ ނިންމައިފަ އެވެ.
ފުރަމޭ ފައިބްރޮސިސް އަކީ ފުރަމޭގެ އެކި ބަލިތަކާ ގުޅިގެން އެ ގުނަވަނުގެ ތެރޭގައި ހުންނަ ނޯމަލް ޓިޝޫ ލަކުނަކަށް ބަދަލުވުން ނުވަތަ ލިވާގެ ޓިޝޫތައް ހަރުވާ ހަރުވުމަށް ކިޔާ މެޑިކަލް ނަމެވެ. ހަށިގަނޑުގައި ހުންނަ ނޯމަލް ޓިޝޫތަކުގެ މަސައްކަތް ގެއްލިގެން ދަނީ، އެ ޓިޝޫތައް ފައިބްރަސް ޓިޝޫތަކަށް ބަދަލުވުމުންނެވެ. އެހެންވެ، ލިވާއިން ކުރަންޖެހޭ މަސައްކަތްތައް ނުކުރުމާއި ލިވާއިން ނޯމަލީ އުފައްދަންޖެހޭ މާއްދާތައް ނުއުފެއްދުން އަދި ލިވާއިން ބޭރުކުރަންޖެހޭ ވިހަ މާއްދާތައް ބޭރުކުރުމުގެ ކެޕޭސިޓީ ކުޑަވެގެންދެ އެވެ.
އިންޓާނަލް މެޑިސިން ޑިޕާޓްމަންޓުގެ ހެޑް، ޑރ. މޫސާ މުރާދު "މިހާރު" މިއަދު ވިދާޅުވީ އެ މެޝިނަކީ ވައިރަލް ހެޕަޓައިޓިސް ނައްތާލުމަށް ޑަބްލިއުއެޗްއޯއިން ހިންގާ ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މެޝިނެއް ކަމަށެވެ. އޭގެ އެހީގައި ފުރަމޭގައި ހުންނަ ލަކުނާ ގުޅޭ އެކި ޓެސްޓުތައް ހަދާނެ އެވެ.
ފުރަމޭގައި ފައިބްރޮރިސް ޓިޝޫ ހުރިތޯ ބަލަން މިހާތަނަށް އެ ޓެސްޓު ހަދަމުން ދިޔައީ އެ ތަނުން މަސްކޮޅެއް ނަގައިގެން ރާއްޖެއިން ބޭރަށް އެ ސާމްޕަލް ފޮނުވައިގެންނެވެ. އޭގެ ސަބަބުން ޓެސްޓުގެ ނަތީޖާ ލިބެން ގިނަ ވަގުތު ނަގަ އެވެ. އެކަމަކު، އައިޖީއެމްއެޗްގައި ސްކޭން ހަދަން ފެށުމުން ވަގުތުން ނަތީޖާ ލިބި، މީހާގެ ހާލަތު ވަގުތުން ދެނެގަނެވޭނެ ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.
ފައިބްރޮ މެޝިނުން ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން މިހާރު ވަނީ ތަމްރީނުކޮށްފަ އެވެ. ހޮސްޕިޓަލުގައި މި ވަގުތު އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ މީހުންނަށް އެ ސްކޭން ހަދަން މި ހަފުތާ ނުވަތަ އަންނަ ހަފުތާގައި ފަށާނެ އެވެ.
ޑރ. މުރާދު ވިދާޅުވީ ފުރަތަމަ ފަށާނީ ވައިރަލް ހެޕަޓައިޓިސް ބަލި މީހުންނަށް އިސްކަންދީގެން ކަމަށެވެ. އޭގެ ހިދުމަތް ފުޅާވާ ވަރަކަށް އެހެން މައްސަލަތައް ހުންނަ މީހުންގެ ވެސް ޓެޓްތައް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބަލިތަކުގެ ތެރެއިން ފައިބްރޮސިސަށް ބަދަލުވެގެން ދާނެ އެއް ބައްޔަކީ ހެޕިޓައިޓިސް ބައްޔެވެ. ވައިރަސްތަކުން ޖެހޭ ހެޕަޓައިޓިސް ބަލި އަދި އެހެން ގޮތްގޮތުން ޖެހޭ ހެޕިޓައިޓިސް ހުރެ އެވެ. ދެ ވަނަ ގޮތަކީ ފުރަމޭގައި ސަރުބީ ޖެހުމެވެ. ފުރަމޭގެ އެހެނިހެން ބަލިތަކުގެ ސަބަބުން ވެސް ލަކުނަށް ވުމުގެ މަގުފަހިވެ އެވެ.
"ކޮންމެ ކޮންޑިޝަނަކުން ވެސް މި މެޝިންގެ އެހީގައި މި ބަލަނީ އެ ފައިބްރޮސިސް ވަމުންދާ ވަރަކަށް އޭގެ ޕްރޮގްރެސް. މެޝިންގެ އެހީގައި ނޭނގޭނެ ކީއްވެގެން ކަމެއް ފައިބްރޮސިސް ހުރީ. ފައިބްރޮސިސް ޑިވެލޮޕް ވަމުން ދަނީ ކިހިނެއްތޯ، ކޮން ސްޓޭޖެއްގައި ތޯ ފައިބްރޮރިސް ހުރީ، އެ ކަންތައްތައް މެޝިންގެ އެހީގައި ދެނިގަންނަނީ،" އޭނާ ވިދާޅުވި އެވެ.
އެ މެޝިން ބޭނުންކޮށްގެން ފުރަމޭގެ ސްކޭން ހެދުމަށްފަހު އޭގެ ކުޑަ ބޮޑުމިނުން ހިސާބުތައް ހަދަނީ ފައިބްރޮސިސް ހުންނަ ވަރެވެ. އޭގެ ސަބަބުން ބަލި މީހާއަށް ތަދުވުން ނުވަތަ އެއްވެސް ކަހަލަ ކައްޓެއް ބޭނުންކުރުމެއް އަދި އެއްވެސް ސާޖަރީއެއް ހެދުމެއް ނޯންނާނެ އެވެ.
"ވަގުތުން ހަމަ ނަތީޖާ ލިބޭނެ އަނެއްކާ ބަޔޮޕްސީގައި ވިއްޔާ އެ ޕްރޮގްރެސް ވަމުން އަންނަ ގޮތް ބަލަން ވެސް އިރުއިރުކޮޅާ ބަޔޮޕްސީއެއް ނުހެދޭނެ. ބޭނުންވާ ކޮންމެ ފަހަރަކު ލިވާއަށް ކައްޓެއް ކޮއްޕައިގެން އެތިއެތިކޮޅު ނެގުން އެއީ އެހާ ފަސޭހަ ކަމަކަށް ވެސް ނުވޭ. މީގައި ވަގުތުން ނަތީޖާ ލިބޭނެ، ވަގުތުން ރިޕޯޓެއް ލިބޭނެ. އެ ރިޕޯޓުގެ އެހީގައި ޑޮކްޓަރަށް ވަގުތުން އެ ހުރި ސްޓޭޖާ އެއްޗެހި ކަލްކިއުލޭޓުކޮށް، ބަލި މީހާއަށް އެ ދޭންޖެހޭ މައުލޫމާތު ވަގުތުން ދެވޭނެ،"
"ރިޕީޓެޑްކޮށްގެން ހަދަން ޖެހުނަސް ބަލި މީހާއަށް މާ ބޮޑު ތަކްލީފަކާ ނުލައި އެ ހެދޭނެ. އެއްވެސް ކަހަލަ ސާޖަރީއެއް، އިންޖެކްޝަނެއް ކަހަލަ އެއްޗެއް ބޭނުންކުރަން ޖެހޭ އެއްޗެއް ނޫން. ސްކޭނެއް ވީމަ ބަލި މީހުންނަށް ވަރަށް ލުއިވާނެ،" ޑރ. މުރާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލިވާއަށް ކައްޓެއް ހަރައިގެން ޕްރޮސީޖާ ގެންދާތީ ރިކްސުތަކެއް ވެސް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ލޭ އައުން ކަހަލަ ކަންތައްތައް ދިމާވާނެ ކަމަށެވެ.
ފުރަމޭގެ މައްސަލަތައް ގިނަ
ފުރަމޭ ފައިބްރޮރިސްއަކީ ލިވާ ފެއިލްވުމުގެ ފެށުމެވެ. ފުރަމޭ ފެއިލްވުމާ ހަމައަށް ދަނީ ފައިބްރޮސިސް ބޮޑުވަމުން ގޮސް، ފުރަމޭގެ ބޮޑުބައިގައި ފައިބްރޮސިސް ހުރުމުންނެވެ. އޭރަށް އޮތް ފަރުވާއަކީ ލިވާ ޓްރާންސްޕްލާންޓް ހެދުމެވެ.
ޑރ. މުރާދު ވިދާޅުވީ ރާއްޖޭގައި ފުރަމޭގެ މައްސަލަތައް ގިނަ ކަމަށެވެ. އެކަމަކު، ސްކޭން މެޝިނުން ޓެސްޓުތައް ހަދަން ފެށުމުން އަވަހަށް ފައިބްރޮސިސް ދެނެގަނެވެ، މޮނިޓާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ފަރުވާ ބައްޓަންކުރަން އަދި އިރުޝާދުތައް ދިނުމަށް ފަސޭހަވަގެންދާނެ އެވެ.
"ޓްރާންސްޕްލާންޓަށް ވެސް ވަގުތު ލިބޭނެ އޭރުން،" އޭނާ ވިދާޅުވި އެވެ.