އެކުވެނި ދަނޑު ނުވަތަ އެކުވެނި ޓްރެކްގެ "ބާނީ"އަކީ، ކުރީގެ ކުޅިވަރު މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން ކަމަށް ސިފަކޮށް، ބައެއް ފަރާތްތަކުން އެމަނިކުފާނަށް ޝުކުރުގެ ޝުއޫރުތައް ފާޅުކޮށްފި އެވެ.
ރާއްޖޭގެ ކުޅިވަރާއި ޒުވާނުންގެ މިނިސްޓަރުކަމާ ނޮވެމްބަރު 6، 1996ގައި ހަވާލުވެވަޑައިގަތުމަށް ފަހު ޑރ. ޒާހިރު ގެންނެވި ބަދަލުތައް، އޭރުގެ ކުޅިވަރު ތަރިންނާއި ކުޅިވަރުގެ އިސް ހިންގުންތެރިން އަބަދުވެސް ފާހަގަކުރެ އެވެ. އެގޮތުން ޑރ. ޒާހިރު ކުޅިވަރު މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި އިރު، ބޮޑު ބައެއް ބޭނުންނުކޮށް އޮތް، އޭރުގެ މަޝްހޫރު ނަމުން ނަމަ "މާފަންނު ސްޓޭޑިއަމް"ގެ އެކި ހިސާބުތައް ސާފުކޮށް، ފުޓްބޯޅަ އާއި ވޮލީ އާއި އެތުލެޓިކްސް ފަދަ ކުޅިވަރުތަކަށް ހާއްސަކުރި އެވެ.
އެކުވެނި ދަނޑާއި ވެލި ޓްރެކަކީ އެ ތަރައްގީގެ ބައެކެވެ. އެކުވެނި ދަނޑުގައި އިންދި ވިނަ ގެނައީ ރާއްޖޭގެ ބައެއް ރަށްރަށުންނެވެ.
އިއްޔެ އެ ދަނޑުގައި ސިންތެޓިކް ޓްރެކެއް އަޅައި އެންމެ ޒަމާނީ ކުލަ ވަނީ ޖައްސައިފަ އެވެ. މިއީ ރާއްޖޭގެ އެތުލީޓުން 1980ގެ އަހަރުތަކުން ފެށިގެން ކުރަމުން އައި އެކަމަކު އިއްޔެއާ ހަމައަށް ހާސިލްވެފައި ނެތް ހުވަފެނެއް ހަގީގަތަކަށް ވުމެވެ. އިންޑިއާ ސަރުކާރުން ދިން 8 މިލިއަން ރުފިޔާގެ އެހީއެއްގެ ދަށުން އެކުވެނި ޓްރެކް ތަރައްގީކުރީ ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަހުގެ މަސައްކަތުންނެވެ.
ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މައިޒާން އަލިމަނިކު (މައިޒާން އަލިބެ) އަދި އެސޯސިއޭޝަންގެ މިހާރުގެ ރައީސް މުހައްމަދު ތޮލާލް ވަނީ ޑރ. ޒާހިރުގެ މިނިސްޓަރުކަމުގައި އޭރުގެ ފެންވަރުން "އެތުލެޓިކްސް އަށް ބޯހިޔާވަހިކަމެއް" ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައިފަ އެވެ.
ޑރ. ޒާހިރުގެ ވަޒީރުކަމުގައި އެންމެ ފާހަގަކޮށްލެވޭ ދެ މަސައްކަތެއްގެ ގޮތުގައި މަހުލޫފް ފާހަގަކުރެއްވީ އެކުވެނި ދަނޑު ތަރައްގީކުރުމާއި ކުރިން ތަޅުންގަނޑެއްހާ ހަރުކޮށް އޮތް ހެންވޭރު ދަނޑުގައި ވިނަ އިންދާ، ފެހިކޮށްލި ފެހިކޮށްލުމެވެ.
މިއަދު އެކުވެނި ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދުކުރެވުނީ، ޑރ. ޒާހިރުގެ ފަރާތްޕުޅުން އޭނާއަށް ދަސްކުރެއްވުނު ފިލާވަޅުތަކުގެ ސަބަބުން ކަމަށް ވެސް، މަހުލޫފް ވިދާޅުވި އެވެ.
ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ކުރިން މަހްލޫފް ވަނީ ޔޫތު މިނިސްޓްރީގައި މަސައްކަތްކުރައްވައިފަ އެވެ.
އެކުވެނި ޓްރެކް ހެދުމުގެ ކުރިން އެތުލީޓުން ޕްރެކްޓިސްތައް ކުރަމުންދިޔައީ ލޮނުޒިޔާރަތްކޮޅު ޕާކާއި މާލޭ މަގުތަކުގަ އެވެ. ޕާކުގައި ހުންނަ ގާތަށް ނަގައި މަގުތައް ވެސް ވަކި ވަރަކަށް ސާފުކޮށްގެން އެތުލީޓުން ދުވުމުގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔަ އިރު، ދުއްވާ އެއްޗެހި އެ ހިސާބުން ދަތުރު ވެސް ކުރެ އެވެ. އެތުލެޓިކްސްގެ ގައުމީ އިވެންޓްތަކާއި މުބާރާތްތައް ބޭއްވީ ގަލޮޅު ދަނޑާއި ހެންވޭރު ދަނޑުގަ އެވެ.
ތޮލާލް ވިދާޅުވީ އެ އުނދަގޫތަކަށް ނިމުމެއް އައީ މައިޒާން އަލިބެ އާއި ޑރ. ޒާހިރުގެ މަސައްކަތުން ކަމަށެވެ.
"އެތުލީޓުންނަށް ބޯހިޔާވަހިކަމެއް ހޯދައިދޭން އޭރުގެ (އެތުލެޓިކްސް) ރައީސް މައިޒާން އަލިބެ އިސްނަގައި އެކުވެނީގައި އެތުލެޓިކްސްގެ ހަރަކާތްތައް ފެށިގެންދިޔައީ. އެ ބޯހިޔާވަހިކަން އެތުލީޓުންނަށް ހޯއްދަވައިދެއްވަން އޭރުގެ ކުޅިވަރާ ބެހޭ ވަޒީރު ޑރ. ޒާހިރު ހުސެއިން ކޮށްދެއްވި މަސައްކަތްތައް ވެސް ފާހަގަކުރަން ޖެހޭ،" ތޮލާލް ވިދާޅުވި އެވެ.
މައިޒާން އަލިބެ ވިދާޅުވީ އެކުވެނި ދަނޑުގެ ކަނެއްގައި ހުރި ގާފުންޏެއް ސާފުކޮށް ފުރަތަމަ އެތުލެޓިކްސްގެ ކަންތައްތައް އެތަނުގައި ފެށީ ބިރުން ހުންނަވައި ކަމަށެވެ. އޭގެ ސަބަބަކީ ހުއްދައެއް ނެތި ކުރާ ކަމެއް ކަމަށް ބެލެވިފައި އޮތުމުން ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ޑރ. ޒާހިރު ވެސް އެކަމަށް ބާރުއަޅުއްވައި ކުރެއްވި މަސައްކަތުން އެތުލެޓިކްސް އަށް އެންމެ ފަހުން އެ ސަރަހައްދުން ވެލި ޓްރެކެއް ލިބުނުކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވެލިގަނޑު ސާފުކޮށް 100 މީޓަރުގެ ރޮނގުތަކެއް ގޮތަށް އެޅީ ފުރަތަމަ. ވާނެ ގޮތެއް ވެސް ނޭނގިފައި ހުރީ ގަވައިދާ ހިލާފަށް ކުރެވޭ ކަމެކޭ އަޅުގަނޑަށް ހީވީމަ. އެކަމަކު ޑރ. ޒާހިރު ވެސް މިކަމަށް އެއްބާރުލުން ދެއްވާ އެތުލެޓިކްސް ޓްރެކެއް އެ ތަނުގައި ހަދައިދެއްވަން އެ މަނިކުފާނަން ކުރެވުނުހާ މަސައްކަތެއް ކޮށްދެއްވި،" އަލިބެ ވިދާޅުވި އެވެ.
އިއްޔެ ޓްރެކް ހުޅުވި ފަހުން އެތުލެޓިކްސް އެސޯސިއޭޝަންގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ޑރ. ޒާހިރުގެ ފޮޓޯއަކާ އެކު ލިއެފައި ވަނީ "އެކުވެނި ޓްރެކްގެ ބާނީ ޑރ. ޒާހިރު ހުސެއިން" މިހެންނެވެ. ބޭނުންކުރީ އިއްޔެ ދައްކާލަން ބޭއްވި ދުވުމުގެ ރޭހެއް ފައްޓަވައި ދެއްވަން ޑރ. ޒާހިރު ބަޑި ޖައްސަވާ ފޮޓޯ އެވެ.
ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ސްޕޯޓްސް މިނިސްޓްރީގައި ކުރިން މަސައްކަތްކުރެއްވި ޝާހު އިސްމާއިލް (ސާޔާ) ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އައި އެންމެ ގިނަ ބަޔަކު ބަަލައިގަތް ކުޅިވަރާ ބެހޭ ވަޒީރަކީ ޑރ. ޒާހިރު ކަމަށެވެ. އަދި އެއީ ދުރު ވިސްނުންތަކަށް އިސްކަންދެއްވި ލީޑަރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.