ހުޅުމާލެ 1 ގައި އިމާރާތްކުރާ ދާރުއްސަލާމް ވަގްފު އިމާރާތުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކުރާ 12 ފްލޯގެ ވަގުފް އިމާރާތް ކަމަށްވާ ދާރުއްސަލާމް އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. 

ޝަހީމް ވިދާޅުވީ މި ތާރީހީ މަސައްކަތަކީ ވަގްފުގެ ދެމެހެއްޓެނިވިކަން ވަރުގަދަކޮށް، މިސްކިތްތައް ބިނާކުރުމާއި ބެލެހެއްޓުން ހިމެނޭހެން، ރާއްޖޭގެ އިސްލާމީ ހަރަކާތްތަކަށް އެހީތެރިވުމަށް ދިގު މުއްދަތުގެ އާމްދަނީއެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ރަނގަޅަށް ދައްކުވައިދޭ ކަމެއް ކަމަށެވެ.

ހުޅުމާލޭގެ ވަގްފު އިމާރާތުގެ އަމަލީ މަސައްކަތް ފެށުން: އެ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުޅުމާލޭގެ ވަގްފު އިމާރާތުގެ އަމަލީ މަސައްކަތް ފެށުން: އެ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އުރީދޫ ހެޑް އޮފީހުގެ ފުރަގަހުގައި އޮންނަ ބިމުގައި ދާރުއްސަލާމް ވަގްފު އިމާރާތް އެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އާރުސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގަ އެވެ. 

އާރުސީސީއާ އެ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް 244.5 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއު ނިންމުމަށް ފަހު، ފަސް އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް ވެސް ކުރަން ޖެހޭނީ އެ ކުންފުނިންނެވެ. 

އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި، އެއީ ބީއެމްއެލްގެ އިސްލާމިކް ފައިނޭނިންސްގެ ދަށުން ހަރަދުކުރާ މަޝްރޫއެކެވެ.

ދާރުއްސަލާމް ވަގްފު އިމާރާތުގެ ބޭސްމަންޓުގައި ހާއްސަ ޕާކިން ޖާގަތަށް ހެދުމަށް ހަމަޖެހިފައިވާއިރު، ​ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިން ޖާގަ އެވެ.

އެ އިމާރާތުގެ ފުރަތަމަ ފްލޯ ވިޔަފާރި ބޭނުންތަކަށް ދޫކުރާއިރު، ތިންވަނަ ފްލޯއިން ފެށިގެން 12 ވަނަ ފްލޯއާ ހަމައަށް އޮފީސްތައް ހިންގަން ކުއްޔަށް ދޭނެ އެވެ. އެ ތަންތަނުގައި ނަމާދު ކޮޓަރިތަކާއި މީޓިން ރޫމްތައް ވެސް ހުންނާނެ އެވެ. އަދި އިމާރާތުގެ ​ދެވަނަ އަދި 11 ވަނަ ފްލޯގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭނެ ޒަމާނީ ހޯލެއް ހުންނާނެ އެވެ. 

އެ އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ހުޅުމާލޭގެ ވަގުފު އިމާރާތުން އަހަރަކު 52 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންދާޒާކުރެ އެވެ. އޭގެ 20 ޕަސެންޓު ޒަކާތު ހައުސް އަށް ޖަމާކުރާނެ އެވެ. އަދި އާމްދަނީގެ 80 ޕަސެންޓް ޖަމާކުރާނީ އިސްލާމިކް ވަގްފު ފަންޑަށް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.