ސްކޫލްތަކުން އޯލެވެލް އަދި އޭލެވެލް އިމްތިހާން ނިންމާ ދަރިވަރުންގެ ތެރެއިން އިސްލާމް މާއްދާ އިން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ގާބިލްކަން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސްވަނަ ބުރުގެ ބައިވެރިވުންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތަކުގައި މިހާ ޒަމާން ވަންދެން އަބަދުވެސް އިމާމުކަން ކުރަމުން އަންނަ ޖީލެއް ވަނީ ނެތެން ކައިރިވެފައި ކަމަށެވެ.

ބައެއް އިމާމުންނާއި ހުތުބާ ކިޔާ މީހުން އުމުރުން ދޮށިވެ، ގިނަ ބަޔަކު ނިޔާވެ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ވަރަށް ގިނަ ދަތިތައް ވަނީ ކުރިމަތިވެފައި ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޒުވާން ހަތީބުންނަށް ސަނަދު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ހަތީބުންނަށް ސަނަދު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެކަމަށް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން ފެއްޓެވި އެ މަސައްކަތުގެ އަމާޒަކަށްވީ، އިމާމްވެ ހުކުރު ނަމާދު ކުރުމާއި ހުތުބާ ކިޔާނެ ހަތީބުންގެ އާ ޒުވާން ޖީލެއް ބިނާކުރުން ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އެގޮތުން ގްރޭޑް 10 އާއި ގްރޭޑް 11 އަދި ގްރޭޑް 12 ނިންމާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ގާބިލްކަން މިހާރު ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިމާމްކަމުގެ ސެޓްފިކެޓް ލެވެލް 1، 2، 3 ހަދައި އިމާމު ކަމަށް ނިކުންނަ މީހުންނާއި ނިޒާމީ ތައުލީމުގެ ތެރެއިން އިސްލާމް ދީނާއި ގުރުއާން އުނގެނިގެން އިސްލާމް މާއްދާ އިން މަތީ ދަރަޖަ ހޯދައި ފާސްވެގެން އޯލެވެލް މަރުހަލާގައި އުޅޭ ދަރިވަރުންނާއި އޯލެވެލް ނިންމާ ދަރިވަރުން އަދި އޭލެވެލް މަރުހަލާގައި އުޅޭ ދަރިވަރުންނާއި އޭލެވެލް ނިންމާފައި ތިބޭ ދަރިވަރުންގެ ކިބާގައި އިމާމުކަން ކުރުމުގެ ފުރިހަމަ ގާބިލިއްޔަތުކަން ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިމާމް ކަމަކީ ހަމައެކަނި އިމާކް ކޯހެއް ހެދުން ނޫންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކިޔަވައިދޭ އިސްލާމް ފޮތުގެ މުގައްރަރަކީ ވަރަށް ގިނަ މައުލޫމާތު އެކުލެވިގެންވާ ފޮތެއް ކަމަށެވެ. 

ޒުވާން ހަތީބުންނަށް ސަނަދު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ބައިވެރިވި ދަރިވަރުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ހަތީބުންނަށް ސަނަދު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ބައިވެރިވި ދަރިވަރުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޮލެޖް/ ޔުނިވާސިޓީގައި ހަދާ ކޯސްތަކުގައި އިސްލާމް މާއްދާ ކިޔަވާ ދަރިވަރުން މަދު ކަމާށައި ކިޔަވާ ދަރިވަރުން ވެސް ރަށަށް ހިދުމަތް ކުރުމަށް ނުދާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވި އެވެ.

ހުތުބާ ކިޔުމުގެ ގާބިލިއްޔަތުކަމާއި އެ ހުނަރު އެއްވެސް ކުއްޖެއްގެ ކިބައިގައި ހުރެއްޖެ ނަމަ އެއީ އެ ކުއްޖެއްގެ ޝަހުސިއްޔަތަށް އިތުރުވާނެ ވަރަށް ރަނގަޅު ސިފައެއް ކަމަށާއި ޒުވާން ހަތީބުންނަކީ ޖަމާއަތުގައި ބަރާބަރަށް ނަމާދުކުރާ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވަނީ ލިބޭ ނިއުމަތާއި އުފަލާއި ހިތްހަމަޖެހުމަކީ އަބަދުވެސް އެކަމުގައި މައިންބަފައިން ޝާމިލްކުރަން ޖެހޭނެ ކަމެއް ކަމަށާއި ކާމިޔާބު ލިބުމުގައި މައިންބަފައިންގެ ބުރަ މަސައްކަތާއި ހެޔޮ ނަސޭހަތް ޝާމިލް ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފަ އެވެ.