ރައީސުލްޖުމްހޫރިއްޔާގެ ރަސްމީކޮށް ގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތު ކުރުމުގެ މަސައްކަތް ނިމެންދެން އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ވަގުތު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައި ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވެއްޖެ އެވެ.
މުލީއާގޭގެ މަރާމާތުގެ މަސައްކަތަށް ނަގާނީ ކިހާ ދުވަހެއް ކަމެއް އަދި ނޭނގެ އެވެ.
އެހެންވެ، އެ މުއްދަތުގެ ތެރޭގައި ރައީސް މުއިއްޒު ހުންނަވާނީ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމަށްވާ މ. ދިމްޔާތުގަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލީއާގެއިން ނުކުމެވަޑައިގަތީ މި މަހުގެ 10 ގަ އެވެ.
މީގެ 104 އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ މުލީއާގޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަގުތީ ގޮތުން ދިރިއުޅުއްވި އެވެ. އެއީ 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވީ ވެސް މުލީއާގޭގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ވަކި ހިސާބަކުން ދިރިއުޅުއްވީ މުލީއާގޭގަ އެވެ.