ކޮވިޑް-19 ޖެހުނު ދިވެއްސެއްގެ ހާލު ބޮޑުވެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭން ފަށައިފި އެވެ. މިއީ ރާއްޖޭގައި މި ބަލި ޖެހުނު މީހަކު ވެންޓިލޭޓަރަށް ލީ ފުރަތަމަ ފަހަރެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އުމުރުން 88 އަހަރުގެ މީހަކު ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށީ މިއަދެވެ.
މި މިހާ އަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުން އަންނަ މީހެކެވެ. ނަމަވެސް އެމީހާގެ ހާލު ގޯސް ނޫން ކަމަށާއި ރަނގަޅުވަމުން އަންނަ ކަމަށް އެރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.
އައިޖީއެމްއެޗުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުހައްމަދު އިސްމާއިލް ވިދާޅުވީ އެ މީހާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށާއި ހާލު އިތުރަށް ގޯސްވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.
ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ އައިޖީއެމްއެޗުގެ ޑީއެޗް-11 ފެސިލިޓީގައި މިހާރު ފަރުވާދެމުން އަންނަނީ ފަސް މީހަކަށެވެ. އެއީ އެއީ އުމުރުން 88 އަހަރުގެ ފިރިހެން މީހާގެ އިތުރުން 49 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ އަންހެނަކާއި 80 އަހަރުގެ ފިރިހެނެއް އަދި 70 އަހަރުގެ ފިރިހެނެކެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 519 އަށް އަރާފައި ވާއިރު އުމުރުން މިހާ ދުވަސްވީ މީހުންގެ އަދަދު ވަރަށް މަދެވެ. އެންމެ ގިނައީ 31-40 އަހަރާ ދެމެދުގެ މީހުންނެވެ. ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހިންގެ އަދަދަކީ 178 އެވެ. ދެން އެންމެންނަކީ ވެސް ބޭރު މީހުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލާދޭޝް މީހުންނެވެ. އަދަދަކީ 265 އެވެ.