ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިޖީއެމްއެޗުގެ ޑީއެޗް-11 ފެސިލިޓީގައި ފަރުވާދިން އެކަކުގެ ހާލު އެއްކޮށް ރަނގަޅުވެ އެމީހާ ޑީއެޗް-17 އަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު ޑރ. މުހައްމަދު އިސްމާއިލް ވަނީ އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންއަންނަ ކޮވިޑް-19ގެ ބަލި މީހުންގެ ތަފްސީލްތައް ހިއްސާކުރައްވައިފަ އެވެ.
އެގޮތުން ޑީއެޗް-11 ގައި ފަރުވާދެމުން އައި ހަ މީހުންގެ ތެރެއިން އެކަކުގެ ހާލު ރަނގަޅުވެ ޑީއެޗް-17 އަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު އެމީހާގެ ހުރީ ހަމައެކަނި ލިވާގެ މައްސަލައެއް ކަމަށާއި ކޮވިޑް-19 އަށް ކުރި ޓެސްތުގެ ތެރެއިން އެއް ޓެސްޓު ނެގެޓިވްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި މީހާ ބަދަލުކުރުމާ އެކު މިހާރު ޑީއެޗް-11 ގައި ފަރުވާދެމުން އަންނަނީ ފަސް މީހުންނަށެވެ. އެއީ އުމުރުން 88 އަހަރުގެ ފިރިހެންނަކާއި، 49 އަހަރުގެ ފިރިހެނަކާއި، 58 އަހަރުގެ އަންހެނަކާއި، 80 އަހަރުގެ ފިރިހެނެއްގެ އިތުރަށް، 70 އަހަރުގެ ފިރިހެނެކެވެ.
މީގެ ތެރެއިން 80 އަހަރުގެ މީހާ އެޑްމިޓްކުރިތާ 12 ދުވަސްވެފައިވާއިރު އެމީހާގެ ހާލަތު ގޯސްވެފައިވާ ކަމަށް ވިދާޅުވި އެވެ. މި މީހާއަކީ ވަރަށް ބައިވަރު އެހެން މެޑިކަލް ކޮންޑިޝަންތަކަކާ އެކު އެޑްމިޓް ކުރި މީހެއް ކަމަށް ވިދާޅުވި އެވެ. އަދި އެ މީހާ އެޑްމިޓްކުރި ފަހުން އޭނާއަށް ބެކްޓީރިއަލް ނިއުމޯނިއާ ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް އެއީ އެޑްމިޓްކުރުމަށް ފަހު އާންމުކޮށް ވާ ކަމެއް ކަމަށާއި އެކްސްރޭއަށް މިއަދު ބެލިއިރު ހާލަތު ކުރިއަށްވުރެ ގޯސްވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އޮކްސިޖަން ބޭނުންވާ ވަރު އިތުރުވެފައި ނުވާކަން ވެސް ފާހަގަކުރެއްވި އެވެ.
އުމުރުން 88 އަހަރުގެ މީހާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށާއި އެމީހާގެ ހާލު އިތުރަށް ގޯސްވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އެމީހާ އަށް ފަރުވާދެމުން އަންނަތާ މިހާރު ވަނީ ތިން ދުވަސް ވެފަ އެވެ. އަދި 49 އަހަރުގެ މީހާ އަށް ވެސް ނޭވާލުމުގައި ދަތިިތަކެއް ހުރުމުން އޮކްސިޖަން ދެމުންއަންނަ ކަމަށާއި އެހެންނަމަވެސް ހުން އައުން ފިޔަވައި އިތުރު އުނދަގުލެއް އެމީހާގެ މިވަގުތު ނެތް ކަމަށް ވިދާޅުވި އެވެ.
އުމުރުން 70 އަހަރުގެ މީހާ ހޮޑު ލުމާ ހުންއައުން ފަދަ ކަންތައްތަކެއް ހުރި ނަމަވެސް އެމީހާގެ ހާލު ރަނގަޅު ކަމަށާއި ކުރިއަށް އޮތްތަނުގައި ރަނގަޅުވުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވި އެވެ. އަދި 58 އަހަރުގެ އަންހެން މީހާގެ ހާލުވެސް ރަނގަޅު ކަމަށާއި އިތުރަށް ބައެއް ކަންކަން ބެލުމަށް ފަހު ޑީއެޗް-17އަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.