ރާއްޖޭގައި މިހާރު ހަލުވިކަމާއެކު، ފެތުރެމުންދާ ކޮވިޑް-19ގެ އަލާމާތްތައް ދެނެގަންނާނެ ގޮތާއި އެކަމަށް ގޭގައި ދެވޭނެ ފަރުވާތަކަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީގެ ފަރުވާއަކީ މިއެވެ.
ކޮވިޑްގެ ބަލި މީހުންނަށް ވެސް ފަރުވާ ދެއްވަމުން ގެންދަވާ ޑޮކްޓަރު ވަނީ ބަލީގެ އެންމެ އާއްމު އަލާމާތްތައް ކަމަށްވާ ހުން އައިސް ރޯގާ ޖެހުމާއި ކެއްސުމާއި ނޭވާކުރުވުމަށް ދެވޭނެ ފަރުވާތައް ވިދާޅުވެ ދެއްވައިފަ އެވެ.
އޭނާ އެދިވަޑައިގަންނަވަނީ މި އަލާމާތްތައް ހުރި ނަމަ ވީހާ ވެސް އަވަހަކަށް ސިއްހީ އެހީ ހޯދުމަށެވެ.
- ގަދައަށް ހުން އައުން
ހުން ގަދަވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ފަހު ވެސް 39 ސެލްސިއަސް އަށް ވުރެ ހުން މަތީގައި ހުރެއްޖެ ނަމަ ކޮންމެ ހަ ގަޑިއަކު 1 ގްރާމްގެ ޕެނަޑޯލް ބޭނުން ކުރޭ. އެކަމަކު އެއީ ލިވާ އަދި ކިޑްނީގެ ބައްޔެއް ނެތް މީހުން. މި ފަދަ ބަލި މީހުން ބޭނުން ކުރަން ޖެހޭނީ، 500 މިލިގްރާމްގެ ޕެނަޑޯލް ނުވަތަ 650 މިލިގްރާމްގެ އުފަމޯލް.
ލޯ ރީނދޫވެ ނުވަތަ މޭނުބައިކޮށް ހޮޑުވެލުމާއި މުޅި ފައި ދުޅަވާ ނަމަ ލަސްނުކޮށް 1676 އަށް ގުޅުމަށް ޑޮކްޓަރު އެދިވަޑައިގަންނަވަ އެވެ. ހުން ތިރި ނުވާ ނަމަވެސް އެ ނަމްބަރަށް ގުޅުމަށް އިލްތިމާސް ކުރެއްވި އެވެ.
ކެއްސުން
ކެއްސާ ނަމަ، ތާފަނާ ފެނުން އަނގަ ތެރެ ދޮވެލައި ނުވަތަ ގާގަލް ކޮށްލާ. މާމުޔާއި އިނގުރު ބޭނުން ކުރޭ. ދުވާލަކު އެއް ފަހަރު، ޓީ. ފެކްސްފެޑައިން (T. Fexofenadine)ގެ 180 މިލިގްރާމް ނުވަތަ ޓީ. ސިޓްރިޒިން 10 މިލިގްރާމް ބޭނުން ކުރޭ. ބްރޮމްހެކްސް (Bromhexine)ގެ 10 އެމްއެލް، ދުވާލަކު ތިން ދުވަހު ބޭނުން ކުރޭ. މިއީ ހަމައެކަނި ބޮޑެތި މީހުންނަށް ދޭ ފަރުވާ އެކެވެ.
ރޯގާ ޖެހުން
ކެއްސުމުގެ ބޭސް ބޭނުން ކުރޭ. ޒައިލޮމެޓާޒޮލިން 0.1 (+\- xylometazolin)ގެ ދެ ޑްރޮޕް، ދުވާލަކު ތިން ފަހަރު، ހަފުތާއެއް ވަންދެން ނޭފަތަށް އަޅާ. އަދި ހޫނުފެނުން އާވި އަރުވާ.
ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މިގޮތަށް އާވި އަރުވައިގެން ފުއްޕާމޭގައި ފެނެއް ނުއުފެދޭނެ އެވެ.
ނޭވާ ކުރުވުން: [އޮކްސިޖަންގެ މިންވަރު ބެލުމަށް އިނގިލީގެ ކޮޅަށް ލައްވާ] ޕަލްސް އޮކްސިމީޓާއެއް ބޭނުން ކޮށްގެން، އޮކްސިޖަން ސެޗުރޭޝަން ބަލާ. އެ މިންވަރު 95 ޕަސެންޓަށް ވުރެ މަތި ނަމަ ރަނގަޅު. އެކަމަކު އެ އަށް ވުރެ ދަށް ނަމަ، ވީ އެންމެ އަވަހަކަށް 1676 އަށް ގުޅާ. ފުއްޕާމޭގެ ބަލިތަކުގެ މީހުން Spo2- އަށް ވެއްޓިއްޖެ ނަމަ ވަގުތުން އެ ނަމްބަރަށް ގުޅާ.
ޑޮކްޓަރު ވިދާޅުވީ، ކޮވިޑްގެ ކޮންމެ އަލާމާތެއް ފެނުނު ނަމަވެސް، ގިނައިން ދިޔާއެއްޗެހި ބޭނުންކޮށް، އަރާމު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. ހާސް ނުވުމަށް އެދިވަޑައިގެންނެވި އެވެ. އިިތުރު އަލާމާތްތައް ފެންނަ ނަމަ، 1676 ގުޅުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ 700 އަށް ވުރެ މަތިވެފަ އެވެ. އެއާއެކު، ބަލީގެ ނުރައްކާ ބޮޑުވެ، ހާލު ދެރަވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.