އައިޖީއެމްއެޗުގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފި އެވެ.
އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަ ފޯ ރެސްޕިރޭޓަރީ މެޑިސިން ޓީމުން މި މަހު ކުރި ސާޖަރީއެއްގައި ކުޑަކުއްޖެގެ ފުއްޕާމެއިން ނަގަން ޖެހުނީ ކުޅެން ގެންގުޅޭ ސޮފްޓް ޓޯއީގެ އަޑުގޮވާ ތަންކޮޅެވެ. އެ އެތިކޮޅު ނެގީ ކުއްޖާގެ ފުއްޕާމޭގެ ކަނާތު ފަޅިންނެވެ.
ކުއްޖާގެ ފުއްޕާމެއަށް އޭތިކޮޅު ދިޔައީ، ކުޅެން އުޅުމުގެ ތެރޭގައި އަޑުގޮވާ ބައި ނަގައިގެން އަނގަޔަށް ލައިގެން އުޅެނިކޮށް ދިރިގެން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"އެހެން ކުއްޖަކާއެކު ކުޅެން އުޅެމުން، އޭނާ އިމްޕްރެސް ކުރަން އަޑުގޮވާ ބައި އަނގަޔަށް ލައިގެން އުޅެނިކޮށް ދިރުނީ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
"އަނގަތެރެއަށާއި ދެ ތުންފަތް މައްޗަށް މިކަހަލަ އެއްޗެހި ލައިގެން އުޅުމަކީ ނުރައްކާތެރި ކަމެއް."
އެ އެތިކޮޅުގެ ދިގު މިނުގައި ތިން ސެންޓިމީޓަރު ހުއްޓެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ އެ ސާޖަރީކުރުމަށް އައިޖީއެމްއެޗުގެ ރޭޑިއޮލޮޖީ ޓީމަށް، ހޭނައްތާ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާ އަދި އޯޓީ ސްޓާފުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.
މީގެ ކުރިން ވެސް ކުޑަކުދިންގެ ކުޅެން ގެންގުޅޭ އެއްޗެއްސާއި އެހެން ކުދިކުދި އެއްޗެހި ދިރިގެން އައިޖީއެމްއެޗުގައި ސާޖަރީތައް ކޮށްފައިވެ އެވެ.