ވޭޕްކުރުމަކީ ފުއްޕާމޭ ފަޅައިގެންދާ ކަމެއް ކަމަށާއި އެކަމުން ދުރުވުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅު ދުވަހާ ގުޅިގެން، މުހައްމަދު އަލީ ކުރެއްވި ޓްވީޓަކާ އެކު ވަނީ އޭނާ ވަނީ ފުޅިއެއްގެ މެދަކާ ހިސާބަށްދާ ވަރަށް ލޭ ހުރި ފޮޓޯއެއް ވެސް އާންމުކުރައްވައިފަ އެވެ. އެކަމަކު އެއީ ދިވެއްސަކަށް ދިމާވި ކަމެއް ކަން އަދި ނޭނގެ އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި އެއީ ވޭޕްކުރާ މީހެއްގެ ފުއްޕާމޭ ފަޅައިގެން ގޮސް، ފުއްޕާމޭގެ ވަށައިގެން އިންނަ ދުލިފަށް ތެރެއަށް އެޅިފައިވާ ލެ އެވެ. އަދި ވޭޕުން ފުއްޕާމޭ ފަޅައިގެންދާ ކަމުގެ އިންޒާރު ދެއްވައި، އެއީ "ކޫލް" ކަމެއް ނޫން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ވޭޕްކުރާ މީހުންނަށް އެފަދަ ބިރުވެރި އިންޒާރެއް މުހައްމަދު އަލީ ދެއްވިއިރު ރާއްޖޭގައި މިފަހަކުން ގިނަ އަދަދެއްގެ ޒުވާނުންގެ މެދުގައި ވޭޕަކީ މަގްބޫލު އެއްޗެކެވެ. ގިނަ ބަޔަކު ވޭޕް ބޭނުންކުރަނީ ސިނގިރޭޓް ގަތުމަށް އަތުންދާ ހަރަދު އިތުރުވާތީ އާއި ދުންފަތުން ލިބޭ ގެއްލުން ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ވޭޕަކީ ސިނގިރޭޓަށް ވުރެ ސިއްހަތަށް ރަނގަޅު އެއްޗެކެވެ. އެކަމަކު ވޭޕަކީ ވެސް ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.