އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެއްކޮށްލައި، ރާއްޖޭގެ މަތީ ތައުލީމާ ގުޅޭ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެންނެވިއިރު، އެންމެ ފުރަތަމަ ކުރަން ޖެހިފައިވާ ކަމަކީ ވާނުވާ ނޭނގި ގުޅަން ޖެހިފައިވާ ތަނަކާ މެދު ސުވާލު އުފެދި، ދަރިވަރުން ގޮތް ހުސްވާ މައްސަލަ ހައްލު ކުރުން ކަމަށް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 އަށް މަދުކޮށް، ބައެއް މިނިސްޓްރީތައް އެއްކޮށްލުމުން، އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލްއާ އެވެ.
އާ މިނިސްޓްރީއާ ހަވާލުވެވަޑައިގެން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަވީ ދަރިވަރުންގެ މައްސަލަތައް ހައްލު ކުރުމަށް ފޯނުން ޖަވާބުދާރީ ނުވުމުގެ މައްސަލަ ކަމަށެވެ.
އެއީ މިހާތަނަށް ވެސް ހައްލެއް ނުލިބި ބެލެނިވެރިންނާއި ދަރިވަރުން ސިކުނޑި ސުމަކަށް ދާން މެދުވެރިވާ އެންމެ ބޮޑު ސަބަބު ވެސް މެ އެވެ. އެކި ލޯނުތަކާއި ސްކޮލާޝިޕްތަކުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ނުލިބި ޝަކުވާ ކުރާތާ އެތައް ދުވަހެކެވެ.
އެހެންވެ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސްކޮލާޝިޕްތަކާއި ލޯނުތައް ނަގައިގެން ކިޔަވާ ދަރިވަރުންނަށް މިނިސްޓްރީއާ ނުގުޅި ނުވަތަ ވާނުވާ ނޭނގޭ ކަންކަން ހައްލު ކުރަން ކަމަށް ވެސް މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ.
"ހިދުމަތް ފޯރުކޮށްދޭންޖެހޭ ދަރިވަރުންނަށް ފަސޭހަ ގޮތަކަށް ޖަވާބުތައް ފޮނުވައި ގުޅުން ވަރުގަދަ ކޮށްލެވިއްޖިއްޔުާ ވަރަށް ގިނަ ކަންތައްތައް ހައްލު ކުރެވޭނެ ކަމަށް ބެލެވޭ، އަޅުގަނޑު އެންމެ އިސްކަން ދެނީ އެ ކަަމަށް،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
"ކުރުކޮށް ބުނާ ނަމަ ދަރިވަރުންގެ ކަންކަމުގައި ވާނުވާ ނޭނގޭ ކަންކަން ހައްލު ކުރުމަށް، ޕޭމަންޓުތަކަށް އެދުމުން ވާނުވާ ނޭނގުން، ލޯނަކަށް އެދުމުން ވާނުވާ ނޭނގުން، ގުޅުމުން ޖަވާބު ނުލިބުން ފަދަ ކަންކަން ހައްލު ކުރުން އެއީ އެންމެ އިސް އަމާޒަކީ."
އިސްމާއިލް ވިދާޅުވި ގޮތުގައި، އެ މައްސަލަތައް ހައްލު ކުރުމަށް ފަހު ނޫނީ އެ މިނިސްޓްރީގެ އެހެން ކަންކަމަށް އޭނާ އިސްކަން ނުދެއްވާނެ އެވެ.
ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްތަކުގައި ރާއްޖެ އިން ބޭރުގައި ކިޔަވާ 1،800 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން މިހާރު ވެސް އެބަތިއްބެވެ.