ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ. ހުސެއިން ފާއިޒު މިއަދު ހަމަޖައްސައިފި އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިއަކަށް ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މަޖިލީހުން ހަމަޖެއްސެވި ފާއިޒަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަން ކުރެއްވި ބޭފުޅެކެވެ.
އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ އިދާރީ ކަންތައްތައް ހިނގަމުންދަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމާއި ސެކްރެޓަރީ ޖެނެރަލްއާ ހަވާލުކޮށްފައިވާ ދާއިރާއާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ފޯރުކޮށްދިނުން ހިމެނެ އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްގީގެ މަޝްރޫއުތަކާއި އަދި ބޭނުންވާ ސްޓްރެޓިޖިކް ޕްލޭން އަދި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވައި ތަންފީޒުކޮށް ހިންގައި މޮނިޓާކޮށް ބެލެހެއްޓުން ފަދަ މަސައްކަތްތައް ވެސް ހިމެނެ އެވެ.