ނިއު ނޯމަލްގައި ރާއްޖޭގެ ސްކޫލުތައް ހުޅުވަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެހީތެރިކަން ދޭން ނިންމައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު، ޑރ. އަރްވިންދު މާތޫރާ އެކު ވާޗުއަލްކޮށް ބޭއްވެވި ބައްދަލުވުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި ޓްވީޓުގައި ބުނީ، ސްކޫލުތައް ހުޅުވުމަށް ބޭނުންވާ މުހިއްމު ތަކެއްޗާއި މުވައްޒަފުން ތަމްރީނުކުރުމާއެކު މި ހާލަތަށް ފުރިހަމައަށް ތައްޔާރުކޮށްދޭން އެއްބަސްވެފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި އަރްވިންދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު މިހާރު އޮތް ގޮތަށް ބެލުމަށް ފަހު ސަރުކާރުން ނިންމާފައި ވަނީ ލުއިތަކެއް ދެމުން ގެންދިއުމަށެވެ. އެގޮތުން ލޮކްޑައުން އާއި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ހުކުރު ނަމާދާ އެކު، ޖަމާއަތުގައި ނަމާދު ކުރަން ވަނީ ފަށައިފަ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މީގެ ކުރިން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅޭނީ ކުރިއަށް އޮތް ބަންދު ދުވަސްތަކަށް ފަހު ކަމަށެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމަށް ފަހު ސްކޫލްތައް ބަންދު ކުރާނީ މި މަހުގެ 31 އިން އަންނަ މަހުގެ 11 އެވެ. އެ ބަންދަށް ފަހު ދެ ވަނަ ޓާމަށް ސްކޫލްތައް ހުޅުވަން ކަލަންޑަރުގައި ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 14 އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުތައް ހުޅުވާނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ.