ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ހުއްދަ ދެވެން އަދި ނެތް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް ގިނަވާތީ އެޗްޕީއޭ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލީ މި މަހު ތިން ވަނަ ދުވަހު އެވެ. ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ކުރިއަށްދާ މުބާތާތަކަށް ވީހިނދު އެ މުބާރާތް ކުރިއަށްގެންދަން ފުރުސަތު ދޭން ފުޓްބޯޅަ ކްލަބްތަކުގެ އިތުރުން ކުޅުންތެރިން ވަނީ އެޗްޕީއޭ ކައިރިން އެދިފަ އެވެ. އެކަމަކު އިއްޔެ އެޗްޕީއޭ އިން އާންމުކުރި އާ އުސޫލުތަކުގެ ތެރެއިން ވެސް ދިވެހި ލީގު ފެށޭނެ ލުޔެއް ނުލިބެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ މިހާރު އެންމެ އިސް މަސައްކަތެއްގެ ގޮތުގައި ކުރަނީ ބަލި ކޮންޓްރޯލް ކުރުމުގެ ކަންތައްތައް ކަމަށާއި ލުޔެއް ދެވޭނީ ޒަރޫރީ ކަންތައްތަކަށް އެކަނި ކަމަށެވެ.
"ތި ވިދާޅުވާހެން ގައުމީ މުބާރާތްތަކާ އެއްޗެއްސަށް އަޅުގަނޑުމެން ބަލާނަން ކިހާ ވަރަކަށް އެކަން ކުރެވޭތޯ (ހުއްދަ ދެވޭތޯ). އެކަމަކު މިހާރު އެއްގޮތަކަށް ވެސް ދަންނަވާކަށް ނޭނގެ އެ ބޭފުޅުންނަށް ހުއްދަ ދެވޭނެ ކަމެއް،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.
"އަދި ދަންނަވާކަށް ނޭނގެ އެކަން (ހުއްދަ ދިނުން) ދާނެ ގޮތެއް. ޓެކްނިކަލް ޓީމާ މަޝްވަރާކޮށްފައި ގޮތެއް ނިންމާނީ. އެކަމު މިހާރު ކޭސްތައް ދާ ގޮތުން ހިއެއްނުވޭ ސްޕޯޓްސް އެކްޓިވިޓީސްތަކަށް ލުޔެއް ދެވޭނެ ހެން،"
ލީގު ހުއްޓިފައި އޮތުމުން ކްލަބްތަކުން ފާޅުކުރާ ކަންބޮޑުވުންތަކާ އެއްކޮޅަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ޝުއޫރުފާޅުކުރައްވައިފަ އެވެ. އަދި ލީގު މި ގޮތަށް ހުއްޓާލާފައި އޮތުމަކީ ވަރަށް ގިނަ ބަޔަކަށް އޭގެ ސަބަބުން އަސަރުކުރާނެ ކަމެއް ކަމަށާއި އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.
ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު 30 ވަނަ ދުވަހު މާލޭގައި ރާއްޖޭގެ ގައުމީ ޓީމުން ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު ވަނީ ޝެޑިއުލްކޮށްފަ އެވެ. ލީގު މި ގޮތަށް މެދުކަނޑާލާފައި އޮތުމުން އެ މެޗަށް ތައްޔާރުވާން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އަސަރުކުރާނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ވެސް ވަނީ ބުނެފަ އެވެ. އަދި މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން ލީގު ނުފެށި ނުވަ މަސް ދުވަހު ނުކުޅެ ހުރެފައި އަލުން ކުޅެން ފެށިތާ ހަތަރު މަސް ވެސް ނުވަނިސް މިހެން ހުއްޓާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އަށް ވެސް ގޯސް އަސަރުކުރާނެ ކަމަށް ފުރަތަމަ ޑިވިޝަނުގެ ކޯޗުން ވެސް ވަނީ ބުނެފަ އެވެ.
އެކަނި ކުރެވޭ ކަސްރަތުތައް ކުރިއަށްގެންދަން އެޗްޕީއޭ އިން ދީފައިވާ ހުއްދައާ އެކު މާލޭ ސިންތެޓިކް ޓްރެކަށް ގިނަ ބަޔަކު ދެ އެވެ. ކްލަބްތަކުގެ ކަންބޮޑުވުމަކީ އެހާ ގިނަ ބަޔަކު އެއްވެގެން އެ ތަނުގައި ކަސްރަތު ކުރަން ހުއްދަ އޮންނައިރު، ގައިޑްލައިނެއްގެ ތެރެއިން ހާއްސަ ހުއްދައެއް ދީގެން ފުޓްބޯޅަ ޕްރެކްޓިސް ކުރަން ވެސް ފުރުސަތެއް ނުދޭތީ އެވެ.