ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ ދައުވާ ލިބޭ އޭނާގެ މަންމަ އާފިޔާ މުހައްމަދަކީ ރުޅިވެރިކަމުގެ އަމަލު ހިންގުމުގެ ވިސްނުން ވަރަށް ބޮޑަށް ހުރި މީހެއް ކަމަށާއި އޭނާ އިބްތިހާލަށް އަނިޔާކުރީ އަމިއްލަ އިހްތިޔާރުގައި ހުރެ ކަމަށް މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް އާފިޔާ ދިނުމުން އޭނާ މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް މިއަދު ހާޒިރުކުރި ޑރ. ނާޒަކީ ފުލުހުންގެ އެދުމަކަށް އާފިޔާގެ ނަފްސާނީ ޓެސްޓް ހެއްދެވި ޑޮކްޓަރެވެ. އިބްތިހާލް މަރާލި ކަމަށް ކޯޓުގައި އެއްބަސްވެފައިވާ އާފިޔާގެ ނަފްސާނީ ޓެސްޓް ހެދީ 2015 ގަ އެވެ.

ނާޒް ވިދާޅުވީ އާފިޔާގެ ނަފްސާނީ 11 ޓެސްޓެއް ހެދި ކަމަށާއި އެއިން ކޮންމެ ޓެސްޓެއް ވެސް ދެ ފަހަރަކު ހެދި ކަމަށެވެ. އެގޮތުން އާފިޔާގެ ކިބައިގައި ރުޅިވެރި ވިސްނުމާއި އެފަދަ އަމަލު ކުރުމުގެ ވިސްނުން ވަރަށް މަތީ މިންވަރަކަށް ހުރި ކަން ފާހަގަކުރެއްވުނު ކަމަށް ވިދާޅުވި އެވެ.

ނާޒު ވަނީ އާފިޔާގެ 11 ޓެސްޓްގެ ނަތީޖާ ސައިންޓިފިކް މިންގަނޑުތަކުން ތަފްސީލްކޮށް ދެއްވައިފަ އެވެ.

ނާޒް ވިދާޅުވި ގޮތުގައި އިބްތިހާލަށް އާފިޔާ އަނިޔާކުރީ އަމިއްލަ އިހްތިޔާރުގައި އެނގި ހުރެ އެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އާންމު ގޮތެއްގައި މީހުން މަރާ މީހުންގެ ކިބައިގައި ހުންނަ އެކަމަކު އާންމު އިންސާނުންނާ ތަފާތު ސިފައެއް ކަމަށްވާ ސައިކޮޓިކް ޑިސްއޯޑާގެ ނިޝާނެއް އާފިޔާގެ ކިބައިން ނުފެންނާތީ ކަމަށެވެ.

ސައިކޮޓިކް ޑިސްއޯޑަރަކީ އެ މީހަކަށް އިވޭ ޚިޔާލީ އަޑެއްގެ ސަބަބުން އަނެކާއަށް އަނިޔާ ކުރާ ކުރުމެވެ.

"މިސާލަކަށް ގޮތް ނޭނގޭ އަޑަކުން ބުނާ އަޑު މި އިވެނީ މިވެނި މީހަކު މަރާލާށޭ. ދެން އެމީހާ އެކަމެއް މި ކުރަނީ. އެއަށް މިކިޔަނީ ސައިކޮޓިކް ޑިސްއޯޑާ. އެކަމަކު އާފިޔާގެ ކިބައިން އެފަދަ ކަމެއް ފާހަގައެއް ނުވޭ،" ނާޒް ވިދާޅުވި އެވެ.

އެގޮތަށް ނާޒު ވިދާޅުވުމުން، "އެހެންވީމަ ޑޮކްޓަރު ތިޔަ ވިދާޅުވަނީ [އެ އަމަލް ހިންގީ] އާފިޔާ އަމިއްލަ އިހްތިޔާރުގައި ހުރެގެންނޭތޯ" ދައުލަތުގެ ވަކީލާ ސުވާލުކުރެއްވި އެވެ.

"އާދެ،" ނާޒް ޖަވާބު ދެއްވި އެވެ.

ނާޒް ވިދާޅުވި ގޮތުގައި އާފިޔާގެ ވިސްނުމުގެ ތޫނު ފިލިކަން ވެސް ހުރީ އާންމު އިންސާނެއްގެ ވިސްނުން ހުންނަ މިންވަރަށެވެ. އެހެންވެ އޭނާއަކީ ކަންކަން ވިސްނައި ނުގަނެވޭ ފަދަ މީހެއް ނޫން ކަމަށް ނާޒް ވިދާޅުވި އެވެ.

ނަފްސާނީ ޑޮކްޓަރު ނާޒް މިއަދު ކޯޓުން ނިކުންނަވަނީ--މިހާރު ފޮޓޯ/ނިޝާން އަލީ
ނަފްސާނީ ޑޮކްޓަރު ނާޒް މިއަދު ކޯޓުން ނިކުންނަވަނީ--މިހާރު ފޮޓޯ/ނިޝާން އަލީ

އެކަމަކު އޭނާ ވިދާޅުވީ އާފިޔާގެ ކިބައިގައި ޑިޕްރެޝަނާއި އެންޒައިޓީ ވަރަށް ބޮޑަށް ހުރި ކަން ފާހަގަވި ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބެލެވެނީ އެހެން މީހެއްގެ ފަރާތުން އާފިޔާއަށް ކުރިން ޖިންސީ ގޯނާ ލިބިފައިވުން ކަމަށާއި އެފަދަ އަމަލުތަކުގެ ޝިކާރައަކަށް ވުމަކީ ޑިޕްރެޝަނާއި އެންޒައިޓީ ފެންނަ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ކަރެކްޝަނަލް ސާވިސްގެ އެދުމަކަށް ވެސް އާފިޔާގެ އިތުރު ޓެސްޓެއް ހެދުމުން ވެސް ޑިޕްރެޝަނާއި އެންޒައިޓީ ހުރި ކަން ފާހަގަވި ކަމަށް ނާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި މީހުންނާ އެކަހެރިިވުމުގެ ވިސްނުން ހުރުމުގެ އިތުރުން އެ ހާދިސާގެ ފަހުން ބިރުވެރިކަމެއްގައި އާފިޔާ ހުންނަ ކަން ފާހަގަވި އެވެ.

ނާޒް ވިދާޅުވި ގޮތުގައި އިބްތިހާލަށް އާފިޔާ އަނިޔާކުރި ގޮތް ދެނެގަތުމަށް ބުދެއް ބޭނުން ކޮށްގެން އެ މަންޒަރު ކުޅުވި އެވެ. ރޮމުން އާފިޔާ އެދުނީ އޭނާ ކަހަލަ ނަފްސާނީ ގޮތުން ރުޅިވެރިކަން ހުރި މީހުންނަށް އެހީވެދޭން ކަމަށް ވެސް ނާޒު ވިދާޅުވި އެވެ.

ނާޒްގެ ވާހަކަތަކާ ގުޅިގެން ސުވާލު ކުރަން ބޭނުންވޭތޯ އާފިޔާ ކުރެން ގާޒީ މުހުތާޒް ފަހުމީ ސުވާލު ކުރެއްވި އެވެ. އެކަމަކު ޖަލު ހެދުމުގައި އަދި ކުރިމައްޗަށް ބިޑި އަޅުވާފައި ހުރި އާފިޔާ ހަމައެކަނި ބުނީ "ނޫން" މިހެންނެވެ.

އާފިޔާ ވަކީލެއްގެ އެހީތެރިކަން ވެސް ބޭނުމެއް ނުކުރެ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ މުހުތާޒް ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.

އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ އެއްބަސްވެފައިވާއިރު މީގެ ކުރިން ކޯޓުން ވަނީ އިބްތިހާލް ބެއްލެވި ޑޮކްޓަރުންގެ ހެކިބަސް ވެސް ނަގައިފަ އެވެ.